މާލީ އިދާރާތަކުގެ އިތުބާރު ރާއްޖެއަށް އެބައޮތް ކަމަށާއި ދެވަނަ ދައުރެއްގައި ދަރަނި ދައްކައި ހަލާސްކުރައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ ސިޓީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ވާދަވެރިން ދަރަނީގެ ވާހަކަ ދެއްކެވި ނަމަވެސް ދަރަނި ދެއްކޭނެ ގޮތެއް ދެއްކިފައި ނުވާ ކަމަށާއި، ނަމަވެސް އެމަނިކުފާނުގެ ދެވަނަ ދައުރުގައި އެ ދަރަނި ދައްކާ ހަލާސް ކުރައްވާނެކަމަށެވެ. އަދި ދަރަނި ދައްކަން ނިންމާފައިވާ ގޮތާއި ގުޅޭ ގޮތުން އެމަނިކުފާނު ވާހަކަފުޅު ދެއްކެވިއެވެ.

Ad
rt

2022 ވަނަ އަހަރާއެކު 2025 ވަނަ އަހަރާ ހަމައަށް އެވަރެޖުކޮށް އަހަރަކު 367 މިލިއަން ޑޮލަރު ދަރަނި ދައްކަން ހަރަދުކުރަން ޖެހެ އެވެ. ނަމަވެސް 2026 ވަނަ އަހަރު 800 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެ އަދަދު ދައްކަން ޖެހެނީ ސަރުކާރުން ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކާއި 100 މިލިއަން ޑޮލަރުގެ އަބޫދާބީ ބޮންޑަށް އަނބުރާ ފައިސާ ދައްކަން ޖެހޭތީ އެވެ.

"ވާދަވެރިން ދައްކާ އެއް ވާހަކައަކީ ރާއްޖެ ބަނގުރޫޓު ވެފައި އޮތް ވާހަކަ، ދަރާ ވިކިފައި އޮތް ވާހަކަ، ދަންނަވަތޯ އެއީ ބުހުތާން ބޮޑު ދޮގު، އެނގި ތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ އެއީ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދަރަނީގެ ގޮތުގައި ދައްކަން ޖެހެނީ 800 މިލިއަން ޑޮލަރު ކަމަށާއި އޭގެ ތެރޭގައި 100 މިލިއަން ޑޮލަރަކީ އަބޫ ދާބީ ފަންޑު ފޯ ޑިވެލޮޕްމެންޓު (އޭޑީއެފްޑީ) ނަގާފައިވާ ލޯނު ކަމަށެވެ. އަދި މިހާރު ވެސް އެ ލޯނު ދެއްކުން ފަސް ކުރުމަށް ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން ދެން އޮތް 500 މިލިއަން ޑޮލަރަކީ ކޮވިޑުގެ ތެރޭގައި ނެގި ސުކޫކު ކަމަށާއި އެކަން ކުރަން ޖެހުނު ސަބަބު ހުރިހާ ރައްޔިތުންނަށް ސާފުވާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން 250 މިލިއަން ޑޮލަރު ޕީޕީއެމްގެ ސަރުކާރުން ނަގާފައި އޮތް ސަނީ ސައިޑް ބޮންޑަށް ދައްކަން ޖެހުނު ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ދައްކަން ޖެހުނު، އެ ނުދެއްކި ނަމަ ސަރުކާރު އޮންނާނީ ޑިފޯލްޓް ވެފައި، 500 މިލިއަން ޑޮލަރުން ކުރި ފުރަތަމަ ކަމަކީ އެ ސަނީ ސައިޑް ބޮންޑަށް 250 މިލިއަން ޑޮލަރު ދެއްކުން. ދެން ހުރި ފައިސާ ހަރަދުކުރީ އެ ވަގުތު ކޮންމެހެން ކުރަން ޖެހިފައި ހުރި ކަންކަމަށް" ރައީސް ވިދާޅުވިއެވެ.

ވާދަވެރިން ދަރަނީގެ ވާހަކަ ދެއްކެވި ނަމަވެސް އަދިވެސް އެ ދަރަނި ދެއްކޭނެ ގޮތެއް ދެއްކިފައި ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ބޭރު ގައުމުތަކުން ފައިސާ ދެނީ އިތުބާރުގެ މައްޗަށް ކަމަށާއި އެ ނަގާ ފައިސާ ދެއްކޭނެ ކަމުގެ ޔަގީންކަން އޮތް ނަމަ ފައިސާ ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އެއްވެސް އެއްޗެއް ފޮރުވިފައި ނޯންނާނެ. މިއީ މުއްސަދި ގައުމެއް. މިއީ އެސެޓް ބޮޑު ގައުމެއް. ކޮންމެ ތަނަކަށް ދިޔަޔަސް އެއް ބިލިއަން ފަސް ބިލިއަން ބޮރޯ ކުރުމަކީ އުނދަގޫ ކަމެއް ނޫން" ރައީސް ވިދާޅުވި އެވެ.