ދަ ޑިމޮކްރެޓުންގެ ކެމްޕޭނު ޕޯސްޓަރުތައް ހަލާކުކޮށް، ގެއްލުންދިން މައްސަލަ އެ ޕާޓީ އިން ކުށްވެރިކޮށްފިއެވެ.

އެ ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ އިއްޔެ ހަވީރު ކުޅުދުއްފުށި ސިޓީ އަށް ރައީސް ސާލިހު ވަޑައިގަންނަވާތީ، އެހެން އެއްވެސް ސިޔާސީ ޕާޓީއަކަށް ނުވަތަ ކެންޑިޑޭޓަކަށް ސިޓީގެ އެއްވެސް ހިސާބެއްގައި ކެމްޕޭނު ހަރަކާތް ނުހިންގޭނެކަމަށް ފުލުހުން އަންގާފައިވާ ކަމަށެވެ. އަދި ޅ. ނައިފަރުގައި ބަހައްޓާފައިހުރި ޑިމޮކްރެޓުންގެ ޕޯސްޓަރުތަކަށް ސަރުކާރު ޕާޓީގެ މެންބަރުން ފުލުހުންގެ ހާޟިރުގައި ގެއްލުންދީ، ދިދަފަތިތައް ވީދައި، ޑިމޮކްރެޓުންގެ ބައެއް ހަރަކާތްތެރިންނަށް ހަމަލާދީފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން ރަށްރަށަށް ރައީސް ވަޑައިންނަވަނީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލާން ރަޔަޓު ގިޔަރުގައި ތިބި ފުލުހުންނާއި ސިފައިން ލައްވާ ނަހަމަ ބާރުގެ ބޭނުން ހިއްޕަވައި، އަނިޔާވެރިކަމާއެކު މީހުން ހައްޔަރުކުރަމުން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ. އަދި ރައީސް ކެމްޕޭނުގެ ބޭނުމަށް ދައުލަތުގެ މުދަލާއި، ވަސީލަތާއި، ފައިސާއާއި، މުވައްޒަފުން ބޭނުންކުރައްވާ ކަމަށް ވެސް ވަނީ ތުހުމަތު ކޮށްފައެވެ.

އެ ޕާޓީން ބުނީ އެކަން ވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސް ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްގެ ރާއްޖޭގެ ގޮފިން ވެސް ފާހަގަކޮށްފައި ކަމަށެވެ.

ޑިމޮކްރެޓުން ބުނީ އެވަރުން ނުފުދި، ރައީސް ހުންނެވި ރަށެއްގައިނަމަ އެމަނިކުފާނަށް މެނުވީ ކެމްޕޭނުކުރުން މިހާރު ގެންދަވަނީ ފުލުހުން މެދުވެރިކޮށް މަނާކުރައްވަމުން ކަމަށާއި ޑިމޮކްރެޓުންގެ ކެމްޕޭން މެޓީރިއަލްއަށާއި، މުދަލަށް ގެއްލުންދީ، ހަލާކު ކުރަމުން އަންނަކަމަށެވެ.

އެ ޕާޓީން އިތުރަށް ބުނީ ކެމްޕޭނު ހުއްޓާލުމަށް އަންގާ އެންގުންތަކަށް އެ ޕާޓީން ތަބާނުވާނެ ކަމަށާއި ރައީސް ވަޑައިންނަވާ ރަށެއްގައިނަމަ އެމަނިކުފާނު މެނުވީ އެހެން ފަރާތަކަށް ސިޔާސީ ހަރަކާތާއި، ކެމްޕޭނު ކުރުން ގަދަބާރުން މަނާކުރުން ހުއްޓާލުމަށް ދަ ޑިމޮކްރެޓްސް އިން ގޮވވައިލާ ކަމަށެވެ.