ހދ. މަކުނުދޫ ފަޅުގައި އިތުރު ރިސޯޓެއް ތަރައްގީކުރަން ހުޅުވައިލައްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއެޖެއެވެ.
ހދ. މަކުނުދޫގައި ރޭ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މަކުނުދުއަކީ ތަފާތު ސިފަތަކެއް ލިބިފައިވާ ރާއްޖޭގެ އަތޮޅެއް ކަމަށާއި، އެއީ ޓޫރިޒަމަށް އެންމެ ފައްކާ އެއް ސަރަހައްދުކަމަށެވެ. އަދި ވަކިން އޮތަސް މަކުނުދޫ އަކީ ރީތި ފަޅެއް އޮތް އަތޮޅެއްކަމަށް ރައީސް ވިދާޅުވިއެވެ.
"ޓުއަރިޒަމް ދާއިރާގެ އެއް އިންވެސްޓަރު (ސިޔާމު) ޔަގީންކަން އެ ދެއްވަނީ މިއީ ތަފާތު ދާއިރާއަކަށް ޓޫރިޒަމް ދާއިރާގައި ހެދިގެންދާނެ ތަނެއް ކަމަށް، މިއަދު އެވަނީ އެއް ރިސޯޓު ހަދަން ފަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި މަކުނުދޫ ފަޅުގައި އިތުރު ރިސޯޓް ހެދުމަށް އަޅުގަނޑުމެން ހުޅުވާލާނަން" ރައީސް ސޯލިހް ވިދާޅުވިއެވެ.
މިހާރު މަކުނުދޫގައި ހަދަމުންދާ އެއާޕޯޓާއެކުގައި ވެސް ދެތިން ރަށް ހިއްކުމުގެ މަސައްކަތް ކުރިއަށްދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ ރަށްތަށް ވެސް ވެގެންދާނީ ޓޫރިޒަމަށް ހުޅުވިގެންދާ އިތުރު ދޮރަކަށް ކަމަށެވެ.
ރައީސް މަކުނުދޫއަށް ވެވަޑައިގެންނެވި އިތުރު ވައުދުތަކުގެ ތެރޭގައި ރޭސިން ޓްރެކެއް ގާއިމް ކުރުމާއި، މެރިކަލްޗާ އަށް ހާއްސަ ސަރަހައްދެއް ކަނޑައަޅައި، އެ މަސައްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލުން ހިމެނެ އެވެ. އަދި މަކުނުދޫގެ ބިން ހިއްކައި ހައުސިން ޔުނިޓު އަޅައި، މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމާއި، ފުޓްބޯޅަ ދަނޑެއް ތަރައްގީ ކުރުމާއެކު, ބަނދަރު ފުން ކުރުން އަދި މަސްވެރިންނަށް އައިސް ޕްލާންޓު ބެހެއްޓުން ހިމެނެ އެވެ.
ރައީސް ރޭ މަކުނުދޫއަށް ވަޑައިގެންނެވުމުން އެރަށުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއްވެސް ކިޔާފައެވެ. އެގޮތުން ރަށުގެ ކުދިބޮޑު ގިނަ ބަޔަކު މަރުހަބާ ކިޔަން ނުކުތް އިރު، މުޅި ބަނދަރު ސަރަހައްދުވަނީ ރީނދުލާއި، ފެހި ކުލައިގެ ދިދަތަކުން ފުރާލާފައެވެ. މަކުނުދޫއަކީ ޢަދާލަތު ޕާޓީގެ ތައީދުވެސް ބޮޑު ރަށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!