މީގެ އެތައް އަހަރެއް ކުރިން ފެށިގެން ގޭގައި ކޮށި ހަދައިގެން ދޫނި ގެންގުޅޭ މީހުން ހަނިމާދޫގައި ވެސް ވަރަށް ގިނައެވެ. މިގޮތަށް ކޮށި ހަދައިގެން އެކި ވައްތަރުތަކުގެ ދޫނި ގެންގުޅެއެވެ. ހާއްސަކޮށް ގުރާ އާއިލާއަށް ނިސްބަތްވާ ގިނަ ދޫނިތައް އޭގެތެރޭގައި ހިމެނެއެވެ.
ފާއިތުވި އަހަރެއްހާ ދުވަހަށް ނަޒަރު ހިންގާލާއިރު ފެންނަނީ ދޫނި ގެންގުޅުމުގެ މުޅީން އައު ބާބެއް ހަނިމާދޫގައި ފެށިފައިވާ ތަނެވެ. ފެންނަނީ ގިނަބަޔަކު އެކި ވައްތަރުގެ ދޫނި އޮޅުކޮށްގެން އެ ދޫނިތަކާއިއެކު ރަށުގެ އެކި ހިސާބުގައި ވަގުތު ހޭދަކޮށް، ކުޅެ ފޫހިފިލުވާ މަންޒަރެވެ.
ހާއްސަކޮށް ކޮންމެ ދުވަހެއްގެ ހަވީރު ވަގުތު ހަނިމާދޫގެ ބަނދަރު ސަރަހައްދުންނާއި ބޯޅަ ދަނޑުމަތީން ދޫނި އުދުއްސުވާ މަންޒަރު ނުވަތަ ދޫނިތަކާއިއެކު ޒުވާނުންނާއި ކުޑަކުދިން ނުކުމެ ވަގުތު ހޭދަކުރާ މަންޒަރު ނުފެންނަ ދުވަހެއް މިހާރު ނުދާނޭ ވެސް ބުނެވިދާނެއެވެ.

އޮޅުކޮށްގެން ގެންގުޅޭ ދޫނިތަކުގެ ތެރޭގައި ސައިޒުގެ ގޮތުން ވަރަށް ބޮޑެތި ދޫނިތަކުން ފެށިގެން ގޮސް ކުދިކުދި ދޫނިތައް ހިމެނެއެވެ. އޭގެތެރޭގައި މަކާއޯ، އެމޭޒަން ޕެރޮޓް، ރިންގްނެކް، ސަން ކޯނުއާގެ އިތުރުން ގްރީން ޗީކް ކޯނުއާފަދަ ދޫނި ހިމެނެއެވެ.
މީގެ ތެރޭގައި ހިމެނޭ ބައެއް ބާވަތުގެ ދޫނިތަކަކީ ވަރަށް އަގު ބޮޑު އެއްޗެއްސެވެ. ބައެއް ދޫނީގެ އަގު 40000 (ސާޅީސް ހާސް) ރުފިޔާގައި އުޅޭއިރު، ބައެއް ދޫނީގެ އަގުތައް އުޅެނީ 30000 (ތިރީސް ހާސް) ރުފިޔާއާއި 10000 (ދިހަހާސް) ރުފިޔާއާއި ދެމެދުގައެވެ. އަދި މިޔަށްވުރެ އަގު ހެޔޮ ދޫނިތައް ވެސް އޮޅުކޮށްގެން ގެންގުޅެއެވެ.

މި ދޫނިތަކަކީ އެ ދޫނިތަކުގެ އުމުރުން ހަތަރު ފަސް މަހުގައި ބޮޑު އަގުދީފައި ގަނެގެން ގެނެސް އެއަށް ކާންދީ ބަލައި ބޮޑުކޮށްފައިވާ ދޫނިތަކެވެ. ބޮޑު އަގުގައި ގަތުމަށް ފަހު ބޭބީ ކާނާއާއި އަދި އެޔަށް ބޭނުންވާ އިތުރު ސާމާނު ހޯދައި އެތައް ދުވަހެއް ވަންދެން އެޔަށް ކާންދީ ބޮޑުކޮށް ބަލަހައްޓާ ބެލެހެއްޓުމުން، އެ ދޫނި ގެންގުޅޭ މީހުން އެއަށް އޮންނަ ލޯބި ވަރަށް ފުރިހަމައަށް ހާމަވެގެންދެއެވެ. މީގެ އިތުރުން ވެސް އެ ދޫނިތަކަކީ ރަނގަޅު ކާނާ ކާންދީ ގަވައިދުން ފެންވަރުވައި ބަލަހައްޓަމުން އަންނަ ދޫނިތަކެކެވެ.

އޮޅުކޮށްގެން ގެންގުޅޭ ކޮންމެ ދޫންޏަކަށް ވެސް އެ ގެންގުޅޭ މީހުން ނަމެއް ކިޔައެވެ. އެ ނަމުން ގޮވާލުމުން އެއަށް އެނގެއެވެ. މި ދޫނިތަކުގެ ތެރޭގައި މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކާ ދޫނިތައް ވެސް ހިމެނެއެވެ. ދޫނި އުދުހެން ދޫކޮށްލުމުން އުދުހިފައި އައިސް އެ ގެންގުޅޭ މީހާގެ އަތަށް ނުވަތަ ކޮނޑަށް ތިރިކޮށްލާ މަންޒަރަކީ ބަލާ މީހުންނަށް ވެސް އުފާވެރިކަން ގެނުވާ މަންޒަރަކަށް މިއަދު ވަނީ ވެފައެވެ.

ދޫނި ގެންގުޅުމުގެ އައު ބާބެއް މިހާރު ފެށިފައިވާއިރު، ވަރަށް ކުޑަކުދިން ވެސް މިހާރު ދޫނި އޮޅުކޮށްގެން ޗޭނު އަޅުވައިގެން ރަށުތެރޭ ގެންގުޅޭތަން ފެނެއެވެ. ދޫނި ގެންގުޅޭ މީހުންގެ ކޮމިއުނިޓީ ދުވަހަކަށްވުރެ ދުވަހެއް ރަށުތެރޭ އަންނަނީ އިތުރުވަމުންނެވެ.

ދޫނި އުދުއްސުމުގެ ތެރޭގައްޔާއި އަދި ގެންގުޅުމުގެ ތެރޭ ދޫނި އުދުހިގެން ގޮސް ގެއްލޭ ފަހަރު ވެސް އާދެއެވެ. ނަމަވެސް ސޯޝަލް މީޑިއާ އެކި ޕްލެޓްފޯމްތަކުގައި އެ ގެއްލުނުކަން ޝެއާކުރުމުން އެ ފެންނަ ފަރާތުން ދޫނި ވެރިފަރާތާއި ހަވާލުކުރެއެވެ. މީގެ އިތުރުން ދޫނި ފެންނަ ފަރާތުން ވެސް އޭގެ ވެރިފަރާތް ހޯދަން ސޯސަލް މީޑިއާގައި ޖަހައިގެން ވެރިފަރާތް ހޯދައި އެ ރައްދުކުރެއެވެ.

ދޫނި ގެންގުޅޭ މީހުން ވެސް އެދެނީ ގެއްލޭ ދޫނިތައް ހިފައި އެއަށް އެއްވެސް ގެއްލުމެއް ނުދީ ވެރިފަރާތާއި ހަވާލުކުރުމެވެ.