ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ލީޑަރު ޤާސިމް އިބްރާޙީމްގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމަށް ޤާސިމް ރޭ ވިދާޅުވެއްޖެއެވެ.
ޤާސިމް މިހެން ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމަނިކުފާނުގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
ޤާސިމް ވަނީ ވެރިކަން ލިބިއްޖެނަމަ ހުރިހާ އިޖުތިމާއީ ފްލެޓެއް ހިމެނޭހެން ހިޔާ ފްލެޓްތަކާއި، ސިފައިންނާއި، ފުލުހުންގެ ފްލެޓްތަކާއި، ސަރުކާރުތަކުން ދީފައިވާ އެސްއެމްއީ ލޯނުތައް މައާފްކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެކަމަށް ވާދަވެރިން ކިޔަމުންދާ ފާޑުތަކަށް ރައްދުދެއްވައި ޤާސިމް ވިދާޅުވީ، ސަރުކާރުތަކުން ހިންގާ އެކިއެކި މަޝްރޫތައް މެދުވެރިކޮށް ކޮރަޕްޝަންގެ އަމަލުތައް ހިންގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރި ވަމުންދާ ކަމަށެވެ.
ޤާސިމް ވިދާޅުވީ، ސަރުކާރުތަކުން ހިންގާ ޕްރޮޖެކްޓްތަކުގެ ސައިޑުން ނަގާ ފައިސާ އާއި ސަރުކާރުތަކުން ހިންގާ ކޮރަޕްޝަންގެ ފައިސާ ސަލާމަތް ކޮށްފިނަމަ ރައްޔިތުންނަށް އެތައް ކަމެއް ކޮށްދެވޭނެ ކަމަށެވެ.
''އެކަހަލަ ހައުސިން އަކަށް އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. މިކަހަލަ އެސްއެމްއީ ލޯން އެކަންޏެއް ނޫނޭ މާފުކޮށްދެވޭނީ. އަދިވެސް އިތުރު އެއްޗެހި އެބަހުރި މާފުކޮށްދެވޭނެ. އެކަން އަޅުގަނޑު ކުރާނެތީ އަޅުގަނޑު މި ދަންނަވަނީ މާތްﷲ ގެ ވާގިފުޅާއެކު ވެރިކަން އަޅުގަނޑާ ހަވާލުކޮށްދެއްވައިފި ނަމަ އެކަން އަޅުގަނޑު ކޮށްދޭނަމޭ.'' ޤާސިމް ވިދާޅުވިއެވެ.
ޤާސިމްގެ ރޭގެ ވާހަކާގައި ވިދާޅުވީ، އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހި ރައްޔިތުންގެ ހެވާ ލާބައަށް ކަމަށެވެ. އަދި މިއަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
އެހެންކަމުން އެމަނިކުފާނުގެ ވެރިކަމެއްގައި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވާނެ ކުޑަވެސް ޖާގައެއް ނުދެއްވާނެ ކަމުގެ ޔަގީންކަން ގާސިމް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!