ދިވެހިރާއްޖޭގެ ނަންކިޔާ، ފުންނާބުއުސް ބޮޑުބެރު ޖެހުންތެރިޔާ، އިބްރާހިމް މަމްދޫޙް (މަންޑޭ)، މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެނޑިޓޭޓް މުހައްމަދު ނާޒިމް އެންޑޯރސްކޮށްފިއެވެ.
މަންޑޭ، ނާޒިމް އަށް ސަޕޯޓުކުރާކަން ނުވަތަ އެންޑޯރސްކޮށްފައިވަނީ ނާޒިމް މިހާރުކުރައްވަމުން ގެންދަވާ ކެމްޕެއިން ދަތުރުގައި މަންޑޭގެ އުފަން ރަށް ކަމަށްވާ ރ. ރަސްމާދޫ ގައެވެ.
އެރަށުގައި އެމްއެންޕީގެ ފަރާތުން ބޭއްވި ޖަގަހަ ޖަލްސާއެއްގައި ބައިވެރިވުމަށްފަހު، މިޖަލްސާގައި އޭނާއާއި އޭނާގެ ބޮޑުބެރު ގުރޫޕްގެ ފަރާތުންވަނީ ފޯރިގަދަ ލަވަތަކެއް ހުށަހަޅައިދީފައެވެ.
މަންޑޭ ބުނީ މި ރިޔާސީ އިންތިހާބުގައި އޭނާ ނާޒިމަށް ސަޕޯޓުކުރަން ނިންމީ މިއަހަރުގެ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެންގެ ތެރެއިން ނާޒިމަކީ ކިޔަވައިގެންހުރި، ތަޢުލީމީ، ފަސްބައި ސާފު، ރައީސްކަމަށް އެންމެ ގާބިލު ކެންޑިޑޭޓުކަމަށްވާތީ ކަމަށެވެ.
މަންޑޭ، ނާޒިމް އެންޑޯރސްކޮށްފައިވާތީ ނާޒިމް ވަނީ މަންޑޭއަށް ޝުކުރުު އަދާކުރައްވާފައެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 9 ގައި ބާއްވާއިރު، މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އިލެކްޝަންސް ކޮމިޝަނުން މި ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފައިވަނީ އޮގަސްޓު 9 ވަނަ ދުވަހުއެވެ.
ގުރުއަތުން ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުވެފައިވާ ގޮތް
- ކެންޑިޑޭޓް ނަންބަރު 1: އުމަރު ނަސީރު (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަންބަރު 2: ހަސަން ޒަމީލް (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަންބަރު 3: އިބްރާހިމް މުހައްމަދު ސޯލިހު (މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ)
- ކެންޑިޑޭޓް ނަންބަރު 4: ޑރ. މުހައްމަދު މުއިއްޒު (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް)
- ކެންޑިޑޭޓް ނަންބަރު 5: ގާސިމް އިބްރާހިމް (ޖުމްހޫރީ ޕާޓީ)
- ކެންޑިޑޭޓް ނަންބަރު 6: އަހްމަދު ފާރިސް މައުމޫން (އަމިއްލަ ގޮތުން)
- ކެންޑިޑޭޓް ނަންބަރު 7: އިލްޔާސް ލަބީބް (ދަ ޑިމޮކްރެޓްސް)
- ކެންޑިޑޭޓް ނަންބަރު 8: މުހައްމަދު ނާޒިމް (މޯލްޑިވްސް ނޭޝަނަލް ޕާޓީ)
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!