ހދ. މަކުނުދޫ ހިމެނޭގޮތަށް ރާއްޖޭގެ 7 ސަރަޙައްދެއްގައި ޑޮމެސްޓިކް އެއާޕޯޓް ތަރައްގީކުރަން އިންވެސްޓަރުން ހޯދަން އިއުލާން ކޮށްފިއެވެ.

އެގޮތުން އެއާޕޯޓު ތަރައްގީކުރުމަށް އިންވެސްޓަރުން ހޯދަން ހުޅުވައިލީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ، ވ. ފޮއްތެޔޮފަޅު އަދި ރ. އަތޮޅު ދެކުނު ބިތުގެ އެއާޕޯޓް އެޅުމުމަށެވެ.

Ad
rt

ކްރޮސް ސަބްސިޑީއަށް ތަންތަން ދޫކުރުމަކީ ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގުތިސާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖްތިމާއީ ސިޔާސަތެއްގެ ދަށުން، ދުރާލާ އިއުލާންކޮށްފައިވާ އުސޫލުތަކާއި އެއްގޮތްވާ ގޮތުގެމަތިން ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫއެއް ހަވާލުކުރެވޭ ފަރާތަކަށް ނުވަތަ އެފަދަ މަޝްރޫއަކަށް ހަރަދުކުރާ ފަރާތަކަށް ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރުމަށް ރަށެއް ކުއްޔަށް ދޫކުރުމެވެ.

އެގޮތުން އެއާޕޯޓުތައް އެޅުމަށާއި، ފެރީ ހިދުމަތް ދިނުމަށާއި، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކަށް ކްރޮސް ސަބްސިޑީގެ ގޮތުގައި ރަށްތައް ދޫކުރެއެވެ.

މި މަޝްރޫއުތަކަށް ހަރަދުވާނެކަމަށް ސަރުކާރުން އަންދާޒާ ކުރާ އަގުތައް ހާމަކޮށްފައިވާއިރު، އެގޮތުން މަކުނުދޫ އެއާޕޯޓަށް 29.9 މިލިއަން ޑޮލަރު، ބިލެއްފަހި އެއާޕޯޓަށް 30.6 މިލިއަން ޑޮލަރު ހަރަދުވާނެކަަމަށް އަންދާޒާކޮށްފައި ވެއެވެ. އަދި ތުޅާދޫ އެއާޕޯޓަށް 36 މިލިއަން ޑޮލަރު، މަގޫދޫ އެއާޕޯޓަށް 40 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ވެއެވެ.

މީގެ އިތުރުން ފޮއްތެޔޮފަޅުގައި އަޅާ އެއާޕޯޓަށް 38 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ލަފާކުރައްވާއިރު، ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 35 މިލިއަން ޑޮލަރު އަދި ވިލިފުށީގައި އަޅާ އެއާޕޯޓަށް 38.2 މިލިއަން ޑޮލަރު ހަރަދުވާނެކަމަށް ސަރުކާރުން ލަފާކުރައްވައެވެ.

މިރައްތަކުގެ ތެރޭގައި ހިމެނޭ ފޮއްތެޔޮފަޅުގައި އެއާޕޯޓެއް ތަރައްގީކުރުމަށް ސަރުކާރުން މި ހުޅުވައިލީ އެރަށުގެ މައްސަލަ ބޮޑުވެފައިވަނިކޮށެވެ. ފޮއްތެޔޮފަޅު ދިގު މުއްދަތަކަށް ކުއްޔަށްދޭން ސަރުކާރުން ނިންމުމާއި ގުޅިގެން އެކަން ހުއްޓުވުމަށް ވ. އަތޮޅު ކައުންސިލުން ސިވިލްކޯޓަށް މައްސަލައެއް ހުށަހެޅިނަމަވެސް މި މައްސަލަ ސިވިލްކޯޓުން ނިންމާފައިވަނީ ވ. އަތޮޅު ކައުންސިލާ ދެކޮޅަށެވެ.

މިދިޔަ ޖުލައިމަހު ވ އަތޮޅަށް ކުރެއްވި ޒިޔާރަތުގައި ރައީސް ސާލިހް ވަނީ ވ އަތޮޅުގައި ފަތުރުވެރިކަމުގެ ބިޔަ މަޝްރޫއުއެއް ހިންގުމަށް ހަމަޖެހިފައިވާކަން އިއުލާނު ކުރައްވާފައެވެ. އެ ފަޅަކީ ރާއްޖޭގައި އޮންނަ ފަޅުތަކުގެ ތެރެއިން އެންމެ ބޮޑު އެއް ފަޅެވެ.

ކްރޮސް ސަބްސިޑީގެ އުސޫލުން މީގެކުރިން ވެސް ސަރުކާރުން ވަނީ ބައެއް މަޝްރޫއުތައް އިންވެސްޓަރުންނަށް ހުޅުވާލާފައެވެ.