ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް (ކޭއާރްއެޗު) ގައި އެނދުމަތިކުރެވިފައިވާ ފަރާތްތަކުގެ ބޭސް ނެގުމަށް ލުއި ފަސޭހަގޮތެއް ހަދައިދީފިއެވެ.
އެ ހޮސްޕިޓަލުން ވިދާޅުވީ އެ ހޮސްޕިޓަލުގައި އެނދުމަތިކުރެވިގެން ފަރުވާ ދެވޭ ފަރާތްތަކުގެ ބޭސްތައް ހަމަކުރުމުގައި ލުއިފަސޭހަ ގޮތެއް ތަޢާރަފުކުރެވިފައިވަނީ މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ކަމަށެވެ.
އެގޮތުން ކުރިން ބަލިމީހާގެ ބޭސް ސިޓީއަށް އެ ފަރާތްތަކުގެ އެހީތެރިން ބޭސް ހަމަކުރާގޮތަށް ހަމަޖެހިފައި އޮތްނަމަވެސް، އެފަދަ ފަރާތްތަކުގެ ބޭސް ސިޓީއަށް އެ ހޮސްޕިޓަލުން ކަނޑައަޅާފައިވާ އުސޫލެއްގެ ދަށުން ބޭސް ހަމަކޮށްދޭނީ ކުޅުދުއްފުށީގައި ގާއިމްވެފައިވާ ބޭސްފިހާރަތަކުން ކަމަށް ވިދާޅުވެއެވެ.
މި ހިދުމަތަށް ތިން ހަފްތާ ފުރިހަމަވެފައިވާއިރު، މިހައިތަނަށް 600 އަށްވުރެ ގިނަ ބޭސް ސިޓީއަށް ބޭސް ހަމަކުރެވިފައިވާ ކަމަށާއި އެހެންކަމުން ބަލިމީހުންގެ އެހީތެރިންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ނުވަތަ އެފަދަ ފަރާތަކުން 600 ފަހަރެއްގެ މަތިން އެކި ބޭސްފިހާރަތަކަށް ގޮސް ބޭސްހަމަކުރަންޖެހޭ ޖެހުން ނިމުމަކަށް ގެނެވި، އެ ފަރާތްތަކުން މީގެކުރިން އުފުލަމުންދިޔަ ތަކުލީފަށް ނިމުން އައިސްފައިވާ ކަމަށް ކޭއާރްއެޗުން ވިދާޅުވިއެވެ.
މިފަދަ ހިދުމަތެއް ފެށުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ، ބަލި މީހުންގެ އެހީތެރިން މިފަދަ ކަންކަމުގައި ޝާމިލްވާންޖެހޭ މިންވަރު ކުޑަކޮށް، އެ ފަރާތްތަކުގެ ތަކްލީފަށް ކޮންމެވެސް ވަރެއްގެ ލުޔެއް ހޯދައިދިނުމެވެ. އަދި އެއް ބޭސްފިހާރައިން ނުލިބޭ ބޭސްތައް ހޯދުމަށް އެކި ފިހާރަތަކަށް އެހީތެރިން ދާންޖެހޭ ޖެހުމަށް މި ހިދުމަތުގެ ސަބަބުން ނިމުމެއް ގެނެވުނީއެވެ.
މީގެ އިތުރުން، ސްޓޮކަށް މަދުވާ ބޭސް ހަމަކުރުމުގެ ނިޒާމު ވެސް މި ހިދުމަތުގެ ސަބަބުން އިތުރަށް ހަރުދަނާވެގެންދާނެއެވެ. މި މަސައްކަތް ރާވާލެވިފައިވާ ގޮތުން ހޮސްޕިޓަލުގެ ވޯޑުތަކުގައި މަސައްކަތްކުރައްވާ ނަރުހުން، އެނދުމަތިކުރެވިފައިވާ ފަރާތުގެ ބޭސް ސިޓީ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ބޭސްފިހާރަތަކާއި ހިއްސާކުރުމުން، އެ ދުވަހަކަށް ކަނޑައެޅިފައިވާ ބޭސްފިހާރައަކުން ބޭސް ހަމަކޮށްދީގެން ކަނޑައެޅިފައިވާ ނަރުހުންގެ ޖަގަހަތަކަށް ގެނެސްދޭނެއެވެ.
މިފަދަ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ރައްޔިތުންނާއި އަދި އަމިއްލަ ފަރާތްތަކުގެ އެހީތެރިކަން ނުހަނު ބޭނުންވާނެއެވެ. އަދި މި ފުރުޞަތުގައި މި ހިދުމަތް ފޯރުކޮށްދިނުމުގައި އެންމެ މުހިންމު އެއް ދައުރު އަދާކުރާ ފަރާތްކަމުގައިވާ ބޭސްފިހާރަތަކުގެ މެނޭޖްމަންޓް އަދި މުވައްޒަފުންނަށް ހާއްސަ ޝުކުރުއް އަދާކުރަމެވެ.
ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުގެ 41 ރަށަކުން 72000 ށް ވުރެ ގިނަ މީހުންނަށް ހިދުމަތް ދިނުމަށް ޤާއިމްކުރެވިފައިވާ ކޭއާރްއެޗަކީ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދަމުން އަންނަތަނެކެވެ.
2022 ގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 10000 މީހުން އޯ.ޕީ.ޑީ އިން ޑަކްޓަރަށް ދައްކައެވެ. އަދި ގިނަ އަދަދެއްގެ ފަރާތްތަކަށް އެދުމަތިކޮށްގެން ވެސް ފަރުވާ ދެވެމުން ދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!