މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށް އެ ޕާޓީގެ ރައީސް، ރިޔާސީ ކެންޑިޑޭޓް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

"ނުއިވޭ އަޑުތައް" މި ސިލްސިލާގެ 5 ވަނަ އެޕިސޯޑުގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ އޭނާގެ ސަރުކާރެއްގައި މަސްވެރިންނަށް ދުވަހުން ދުވަހަށް ފައިސާ ލިބޭނެ ކަމަށާއި ދޯނީގައި މަސްފިނިކުރެވޭނޭ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށެވެ. އަދި މަހުގެ އަގު 22 ރުފިޔާއަށް ބަދަލުކޮށްދެއްވާނެ ކަމަށާއި ޒަމާނީ ޓެކްނޮލޮޖީ އާއެކު މަސްއުޅޭ ސަރަޙައްދު ހޯދޭނޭގޮތް ވެސް ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވިއެވެ.

Ad
rt

މީގެ އިތުރުން ބަންނަ އުޅަނދުފަހަރަކީ މޮޑަން ޑިޒައިންކަމުގައި ހަދައިދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާގެ ސަރުކާރެއްގައި ރިސޯޓުތަކުގައި މިޔުޒިކް ކުޅުމަށް ބޭރު މީހުންނަށް ނުތިބެވޭނެ ކަމަށް ވިދާޅުވިއެވެ. އަދި ކުރެހުމާއި، ސޮވެނިޔަރ ފިހާރަތަކާއި އަދި ޕޮޓޮގްރަފީގެ ފަދަ މަސައްކަތްތަކަކީ ދިވެހިންނަށް ޚާއްޞަކުރަންޖެހޭ މަސައްކަތްތައް ކަމުގައި ހަމަޖައްސެމަށް ގާނޫނެއް ފަރުމާކޮށްފައި އެކަން ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ނާޒިމް ވިދާޅުވީ ނާޒިމްގެ ވެރިކަމެއްގައި ރާއްޖޭގައި ހުރި މުސާރަބޮޑެތި ވަޒީފާތައް ދިވެހިންނަށް އަދާކުރެވޭނޭ ގޮތެއް ހަމަޖެއްސުމަށްޓަކައި އެދާއިރާތަކަށް ޚާއްޞަ ސްކޮލަރޝިޕްތަކެއް ވެސް ތަޢާރުފުކުރައްވާނެ ކަމަށެވެ. އަދި އާޓްސްއާއި ފަންނުގެ ތަކުގެ ޒަރީޢާއިން މަތީ ތަޢުލީމަށް ޚާއްޞަކުރެވޭ ޔުނިވަރސިޓީއެއް ހުޅުވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ނާޒިމްގެ މެނިފެސްޓޯ ‘’އުޖާލާ ޒަމާން’’ ގައި ވަނީ ރައްޔިތުންނަށް ވަރަށް މުހިންމު ގިނަ ވަޢުދުތަކެއް ހިމަނުއްވާފައެވެ.