ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލުން އެ ރަށު ރައްޔިތުންނާއި ބައްދަލުކުރުމަށް ބޭއްވި، އާންމު ރައްޔިތު ބައްދަލުވުމަށް ހާޟިރުވެފައި ވަނީ އެންމެ ދެ މީހުންކަމުގައި އެ ކައުންސިލުން ހާމަކޮށްފިއެވެ.

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތަށް ހިންގުމުގެ ގާނޫނުގެ ދަށުން ކައުންސިލުތަކުން ޖުލައި މަހު ރައްޔިތުންނާއި ބައްދަލުވުން ބާއްވަން ޖެހެއެވެ. ވުމާއިއެކު ހަނިމާދޫ ކައުންސިލުން ނިންމާފައި އޮތީ 24 ޖުލައި 2023 (މިރޭ) 21:00 ގައި ރައްޔިތުންނާއި ބައްދަލުކުރުމަށެވެ. މި ބައްދަލުވުން އޮންނާނެ ގަޑިއާއި ވަގުތާއި ތަން އެ ކައުންސިލުން ވަނީ މި މަހުގެ 17 ވަނަ ދުވަހު އާންމުކޮށް އަންގައި އިޢުލާން ކޮށްފައެވެ.

Ad
rt

މި ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ކައުންސިލުން ކަނޑައަޅާފައި އޮތީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލައި ތަރައްޤީގެ ޕްލޭން އެކަށައެޅުމަށް ރައްޔިތުންގެ މެދުގައި މަޝްވަރާ ކުރުމަށެވެ.

މިރޭގެ ބައްދަލުވުމާއި ގުޅޭ ގޮތުން ''ތިލަދުން'' އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ހަނިމާދޫ ކައުންސިލް މެމްބަރު އަލީ އިބްރާހީމް ވިދާޅުވީ މިރޭ ބައްދަލުވުމަކީ ރަށުގައި ހުރި މުއައްސަސާތަކާއި ކުލަބް ޖަމިއްޔާތަކުގެ އިތުރުން ރަށުގެ އާންމު ރައްޔިތުން ކޮންމެހެން ޙާޟިރުވާން ޖެހޭ ބައްދަލުވުމެއް ކަމަށާއި، އަންނަ އަހަރަށް ޕްލޭންތައް އެކުލަވާލުމުގައި ރައްޔިތުންނަށް މުހިންމުވާ ކަންކަން އެންމެ ފުރިހަމައަށް އެނގިގެންދާނީ އޭރުން ކަމަށެވެ.

އަލީ އިތުރަށް ވިދާޅުވީ ބައްދަލުވުމަށް ހާޟިރުވީ ހަނިމާދޫގައި ހުރި ކަސްޓަމްސްއަށް ނިސްބަތްވާ ދެ ބޭފުޅެއް އެކަނި ކަމަށެވެ. އެ ދެބޭފުޅުންނަށް ކޮންމެވެސް ވަރެއްގެ މަޢުލޫމާތެއް ހިއްސާ ކުރެވުނު ނަމަވެސް ރަސްމީކޮށް މި ބައްދަލުވުން ކުރިއަށް ގެންދެވިފައިނުވާ ކަމަށެވެ. ރައްޔިތުން ޙާޟިރު ނުވުމުގެ ސަބަބުން މީގެ ކުރިން ވެސް ރައްޔިތު ބައްދަލުވުންތައް ނުބޭއްވި ކެންސަލް ކޮށްލަން ޖެހިފައިވާކަން އަލީ ވަނީ ފާހަގަ ކުރައްވާފައެވެ.

ހަނިމާދޫ ކައުންސިލުގެ ރައީސް އަބްދުލް ސައްތާރު ހަސަން މިވަގުތު ރަސްމީ ދަތުރު ފުޅެއްގައި ހުންނެވީ ޗައިނާގައެވެ. ނައިބް ރައީސް ފިރާޤް މުޙައްމަދު ހުންނެވީ ޗުއްޓީގައެވެ. ވުމާއިއެކު މި ބައްދަލުވުމުގައި ބައިވެރިވެފައި ވަނީ އެ ކައުންސިލުގެ ތިން މެމްބަރުންނެވެ. މީގެ އިތުރުން ހަނިމާދޫ ކައުންސިލްގެ އެސްޖީއާއި އިދާރީ ބައެއް މުވައްޒަފުންގެ އިތުރުން ޑަބްލިއުޑީސީގެ ބައެއް މެމްބަރުން ވަނީ ބައިވެރިވެފައެވެ.