ރާއްޖެ އާއި އިންޑިއާ އާ ދެމެދު، އިމިގްރޭޝަނުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ފުޅާކުރުމާއި ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއި ކޮށްފިއެވެ.

"މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގ (އެމް.އޯ.ޔޫ) އޮން ކޯޕަރޭޝަން އޮން އިމިގްރޭޝަން މެޓަރސް" ގެ ނަމުގައި މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޖުލައި 24 ވީ ހޯމަ ދުވަހުއެވެ.

Ad
rt

ފޮރިން މިނިސްޓްރީީގައި ކުރިޔަށްދިޔަ މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް މޯލްޑިވްސް އިމިގްރޭޝަން މުޙައްމަދު އަޙްމަދު ހުސައިނެވެ. އިންޑިއާގެ ފަރާތުން ސޮއި ކުރެއްވީ ޖޮއިންޓު ސެކްރަޓަރީ، މިނިސްޓަރީ އޮފް ހޯމް އެފެއަރޒް އޮފް އިންޑިއާ، ސުމާންތް ސިންގެވެ.

މި އެއްބަސްވުމަކީ ދެޤައުމުގެ ދެމެދުގައި އިމިގްރޭޝަންގެ މަސައްކަތްތަކާ ގުޅުން ހުރި މަޢުލޫމާތު ބަދަލު ކުރުމަށާއި، ބޯޑަރ ކޮންޓްރޯލް މެނޭޖުމަންޓު އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ފޯރުކޮށްދެވެން ހުރި އެހީތެރިކަން ފޯރުކޮށްދިނުމަށް ވެވުނު އެއްބަސްވުމެކެވެ.

މިގޮތުން އިމިގްރޭޝަން ހިދުމަތްތައްތަކާއި ގުޅޭގޮތުން އޮފިސަރުން ތަމްރީނު ކުރުމުގައި އެހީތެރިކަން ފޯރުކުރެވިގެންދާނެއެވެ. އަދި އިންސާނީ ވަގުފާރިއާއި އެހެނިހެން އިމިގްރޭޝަނާ ގުޅުންހުރި ކުށްތައް މަދުކުރުމަށް ބޭނުންވާ އެހީތެރިކަން މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދެމުންދާނެއެވެ.