ހއ. ދިއްދޫގައި ބިން ހިއްކާ ނިމިގެންދާއިރު، އެއާޕޯޓެއް ވެސް އެޅިގެންދާނެ ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދަތުރުފުޅެއްގައި ހއ. އަތޮޅުގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ދިއްދޫގައި ބޭއްވި ”އުފާވެރި އަމާން ރާއްޖެ“ ޖަލްސާގައި ވާހަކަފުޅުު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ރައްޔިތުންގެ ކިބައިން އިވެނީ ރަށާއި ކައިރިން ޕިކްނިކް އައިލެންޑެއް ނުވަތަ އެއާޕޯޓެއް ހެދުމުގެ ވާހަކަތައް ކަމަށާއި އެހެންކަމުން ރައްޔިތުން ބޭނުންވާ ޕިކްނިކް އައިލެންޑް ވެސް ބިން ހިކިގެންދާއިރު ކައިރިން ފެންނަން އޮންނާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގެ މި ހަތަރު އަހަރުގައި މިހާރު ވެސް ދެ އެއާޕޯޓް އަޅާ ނިމިފައިވާކަން ފާހަގަކުރައްވައި ވިދާޅުވީ މިހާރުވެސް ހަތަރު އެއާޕޯޓް އެޅުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށެވެ. އަދި އިތުރު ފަސް އެއާޕޯޓެއް އެޅުމަށް ބިން އިތުރުކުރުމުގެ މަސައްކަތް ޕްލޭންކުރެވި ރޭވިގެންދާ ކަމަށާއި އޭގެ ތެރޭގައި ދިއްދޫ ހިމެނޭނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު އެރަށުގައި ބަހުގެ ހިދުމަތް ބޭނުންވާކަމަށް ރައްޔިތުން ދަންނަވާފައިވާތީ އެ ހިދުމަތް ވެސް މާލަސްތަކެއް ނުވެ ފަށާނެކަން ވަނީ ހާމަކުރައްވާފައެވެ. އަދި އެރަށުގެ މަގުތައް ވެސް ހައްދަވާ ދެއްވައި، ޒުވާނުން އެދޭ ކަންކަން އެރަށަށް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!