އަންނަ ރިޔާސީ އިންތިޚާބު ޖުމްހޫރީ ޕާޓީ (ޖޭޕީ) އަށް ކާމިޔާބު ކުރެވިއްޖެނަމަ އެއްވެސް ޒުވާނަކަށް ވަޒީފާ ނުލިބި ހުންނަން ނުޖެހޭނެ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާޙީމް ވިދާޅުވެއްޖެއެވެ.

ޤާސިމް މިހެން ވިދާޅުވީ، ޖޭޕީގެ އުތުރު ކެމްޕޭންގެ ފަރާތުން ރޭ މާލޭގައި ބޭއްވި ޒުވާނުންގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

Ad
rt

’’18-35’’ ނަމުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ޒުވާނުންނާ މުޚާތަބު ކުރައްވަމުން ޤާސިމް ވިދާޅުވީ، ޖޭޕީ އަށް ރިޔާސީ އިންތިހާބެއް ކާމިޔާބުކުރެއްވިއްޖެނަމަ، އުފުދޭ ޖޭޕީގެ ސަރުކާރެއްގައި ވަޒީފާ އަދާކުރަންކެރޭ ހުރިހާ ޒުވާނުންނަށް ވެސް، ވަޒީފާ އަދާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ.

‘’ޒުވާނުންނަށް ވަޒީފާ އަދާރުކުރެވޭނެ މަގު ތަނަވަސްކޮށްދީ، އެކަމުގެ ސްކިލް ހުރި ޒުވާނުންނަށް ފައިސާގެ އެހީތެރިކަން ލިބޭނެ މަގު ތަނަވަސްކޮށްދީ ޒުވާނުން ތަނަވަސް މީހުންނަށް ހެދުމަށްޓަކައި އަޅުގަނޑުމެންގެ ސަރުކާރެއްގައި ކުރެވެންހުރި ހުރިހާ ކަމެއް ކޮށްދޭނަން.’’ ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، އެހެން ދަންނަވާއިރު ވެސް ވަޒީފާއަކަށްދާއިރު، ވަޒީފާތައް ލިބުމާއި ނުލިބުން އޮންނާނީ އެޒުވާނެއްގެ ހުނަރާއި އެޒުވާނެއްގެ ތައުލީމީ ފެންވަރު ހުރި ގޮތަކުންކަން އެނގިވަޑައިގަންނަވާ ކަމަށެވެ.

‘’އެހެންނަމަވެސް ދަންނަވަން މިއުޅޭ ވާހަކައަކީ ޒުވާން އެއްވެސް ކުއްޖަކަށް ވަޒީފާއެއް ނުލިބި ހުންނާކަށް ނުޖެހޭނެއޭ.’’ ޤާސިމް ވިދާޅުވިއެވެ.

ޤާސިމް ވިދާޅުވީ، ކޮންމެ ޒުވާނަކީ ވެސް ތައުލީމީ ގޮތުން ރަނގަޅު ގާބިލް ޒުވާނަކަށް ހެދުމަށްޓަކައި، ހުރިހާ ޒުވާނުނަށް ވެސް، ވަކި ޒުވާނެއް ތަފާތުކުރުމެއްނެތި ޝާމިލްވާގޮތަށް، ރާއްޖޭންނާއި، ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރުމުގެ ހުރިހާ ފުރުސަތެއް ވެސް ޖޭޕީގެ ސަރުކާރެއްގައި ތަނަވަސްކޮށްދެއްވާނެ ކަމަށެވެ. އަދި އެއީ ވަރަށް އަހަންމިއްޔަތުކަން ދެއްވާނެ ކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.