''ނާޒިމަށް ބޮޑު ތިލަދުންމަތިން ބޮޑު އުއްމީދެއް''

photo_2023-07-17_09-26-38

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެެންޕީ)ގެ ރިޔާސީ ކެންޑިޑޭޓް، އެ ޕާޓީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ ރިޔާސީ ކެމްޕޭނަށް ބޮޑު ތިލަދުންމަތީގެ 20 ރަށަކަށް ކުރެއްވި ދަތުރު މިހާރު ވަނީ ނިންމާލާފައެވެ.

މި ދަތުރުގެ ނަތީޖާއާއިމެދު ނާޒިމްގެ ދަތުރު އިންތިޒާމްކޮށް އަރިހުގައި ރަށްތަކަށް ވަޑައިގެންނެވި އަދި އެ ޕާޓީގެ ފަރާތުން އުތުރު ސަރައްދުގެ ނައިބު ރައީސް ގޮތުގައި ހުންނެވި މުހައްމަދު ޝިހާބު ދެއްވީ ސާދާ ކުރު ޖަވާބެވެ. އޭނާ ވިދާޅުވިގޮތުގައި ބޮޑުތިލުދުންމަތިން ނާޒިމަށް ލިބިވަޑައިގަތީ ބޮޑު އުންމީދެކެވެ. ޤައުމުގެ ރައީސްކަމަށް ވަޑައިގަންނަވަން ކުރައްވާ މަސައްކަތަށް އައު ހިތްވަރެކެވެ.


ނާޒިމް ކުޅުދުއްފުއްޓަށް ވަޑައިގަތުމުން އެރަށުން ވަނީ ހޫނު މަރުހަބާއެއް ކިޔާފައި، ފޮޓޯ: އެމްއެންޕީ

ޝިހާބު ފާހަގަ ކުރެއްވި ގޮތުގައި 25 އޮކްޓޯބަރު 2021 ގައި ރަސްމީކޮށް ރަޖިސްޓަރީވެ އެމްއެންޕީން ހޭދަކުރި ކުރު މުއްދަތުގައި ސިޔާސީ ގޮތުން އެ ޕާޓީ އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. އޭގެ ފަހުން އައި ހުރިހާ ބައި-އިލެކްޝަންސްތަކެއްގައި އެޕާޓީން ވާދަކުރިއެވެ. އޭގެ ތެރެއިން ބައެއް ބައި-އިލެކްޝަންތައް ކާޔާބުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް ބައި-އިލެކްޝަންތައް ކާމިޔާބުކޮށްފައި ވަނީ ރާއްޖޭގެ ބޮޑެތި ޕާޓީތައް ބަލިކޮށްފައެވެ.

ނާޒިމާއި ޝިހާބު ނޮޅިވަރަމްގައި އެރަށު ރައްޔިތެއްގެ އަޑު އައްސަވަނީ، ފޮޓޯ: އެމްއެންޕީ

އެ ޕާޓީ ރަޖިސްޓަރީވެގެން މިހާތަނަށް އައިއިރު އެއްވާމެއްގައި ހުއްޓުމެއްނެތި ސިޔާސީ ހަރަކާތް ހިންގަމުން އަންނައިރު އެންމެ ހަރަކާތްތެރި ލީޑާޝިޕެއް ފެންނަނީ ވެސް އެ ޕާޓީންކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ރިޔާސީ ކެންޑިޑޭޓުން ގޮތުގައި ނުކުންނަވަން ޢިއުލާން ކުރައްވާފައިވާ ބޭފުޅުން ތެރެއިން ވެސް އެންމެ ގިނަ ދަތުރުތައް ކުރައްވައި، އެންމެ ގިނަ ގޭބިސީއަށް ވަންނަވާ، ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރައްވާ ބޭފުޅަކީ އެމްއެންޕީގެ ކެންޑިޑޭޓް ނާޒިމްކަން ޝިހާބު ވިދާޅުވިއެވެ.

ނާޒިމް އިހަވަންދޫއަށް ވަޑައިގަތުމުން އެރަށުން ވެސް ވަނީ ހޫނު މަރުހަބާއެއް ކިޔާފައި، ފޮޓޯ: އެމްއެންޕީ

ދެން ޝިހާބުގެ ވާހަކަ ގުޅުވައިލީ ބޮޑު ތިލަދުންމަތީގެ ދަތުރާއެވެ. މިހިނގާ ޖުލައި މަހުގެ 7 އިން 14 އަށް ކުރި އެ ދަތުރުން ލިބުނު އުންމީދާއި ހިތްވަރަކީ އިންތިޚާބުގައި އެމްއެންޕީން ކުރާ މަސައްކަތް އެއް ގިޔަ މައްޗަށް ޖައްސާލަން ލިބުނު ހިތްވަރެއްގޮތުގައި ޝިހާބު ވަނީ ސިފަކޮށްފައެވެ. އޭނާ ބަލަހައްޓަވާ އުތުރު ސަރަހައްދުގެ އާބާދީ ބޮޑު ހުރިހާ ރަށެއްގައިހެން އެމްއެންޕީގެ ޖަގަހަތައް ހަދައި އެކްޓިވޭޓްކޮށްފައިވާއިރު، އެއީ ބޮޑެތި ޕާޓީތަކަށް ވެސް އަދި ނުފެށިއޮތް މިންވަރެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ނާޒިމް ހއ. ގެ ވެރިރަށް ދިއްދޫގައި، އެރަށުން ވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް އެމްއެންޕީން ބުނޭ

''މިދަތުރުން ފެނުނީ ވަޒީފާގެ ބިރަށް އަޅުވެތިކޮށްފައިވާތަން، ފުދުންތެރިކަމެއްނެތި މާލީ ދަތިކަމުގައި ރައްޔިތުން އުޅޭތަން، އެހެންވެ ރައްޔިތުން މިކަހަލަ ހީވާގި، ތައުލީމީ، ހިންގުންތެރި ޒުވާން ލީޑަރަކަށް ބޭނުންވެފައިތިބި މިންވަރު ފެނުނު، އެރަށްޔިތުންގެ ތާއީދާއި ލޯބި ފެނުނު، ފެނުނީ ވަރަށް އުންމީދީ މަންޒަރުތަކެއް'' ޝިހާބު ވިދާޅުވިއެވެ.

ނާޒިމް ބާރަށުގައި، ފޮޓޯ: އެމްއެންޕީ

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް ނާޒިމްގެ މި ދަތުރު ފެއްޓެވީ ވެސް ނިންމެވީ ވެސް ކުޅުދުއްފުށި ސިޓީންނެވެ. ޖުމްލަ 20 ރަށަށް ވަޑައިގެން މިދަތުރުގައި ހދ. އަތޮޅުން ދެން ވަޑައިގަތީ އެ އަތޮޅު ވައިކަރަދޫ އަށާއި، ނޮޅިވަރަމް، ނޮޅިވަރަންފަރު، ނެއްލައިދޫ، މަކުނުދޫ އަދި ހަނިމާދޫ އަށެވެ. ހއ. އަތޮޅުން ވަޑައިގަތީ އުތީމު، މާރަންދޫ، ތަކަންދޫ، އިހަވަންދޫ، ހޯރަފުށި، ކެލާ، ފިއްލަދޫ، ދިއްދޫ، މުރައިދޫ އަދި ބާރަށަށެވެ. ށ. އަތޮޅުން ވަޑައިގަތީ ފޯކައިދޫ، ފީވައް އަދި ނޫމަރާ އަށެވެ.

ނާޒިމް ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގައި އެރަށު ޢާއިލާއެއްގެ ޝުއޫރު އަޑުއައްސަވަނީ، ފޮޓޯ: އެމްއެންޕީ

މީގެތެރެއިން ގިނަ ރަށްތަކުގައި ނާޒިމްގެ ކެމްޕޭން ޖަލްސާ ބާއްވާފައިވާއިރު، ކޮންމެ ރަށަކަށް ވެސް އޭނާގެ ވެރިކަމެއްގައި ކޮއްދެއްވާނެ ކަންކަން ވަނީ ވިދާޅުވެދެއްވާފައެވެ. އަދި ނާޒިމްގެ ރިޔާސީ މެނިފެސްޓޯ ގައި ހިމެނޭ މައިގަނޑު ވައުދުތައް ތަފްސީލްކޮށްދީ ރައްޔިތުންނަށް އޮޅުން ފިލުވައިދީފައިވެއެވެ. މީގެ އިތުރުން ދޮރުން ދޮރަށް ހިނގެވުމާއި، ކައުންސިލްތަކާއި، ޑަބްލިޔުޑީސީތަކާއި، ކްލަބްޖަމިއްޔާ ޖަމާއަތްތަކާއި ބައްދަލުކުރުންފަދަ ގިނަ ހަރަކާތްތަކެއް ހިންގަވާފަވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ނާޒިމްއަށް މަރުހަބާ ކިޔަން ތިލަދުންމަތީގެ ރަށްރަށުން ނުކުމެތިބީ ފައިސާ ދީގެން ކުއްޔަށް ނެރުން ބައެއްކަން ނާޒިމަށް ނޭގެނީ ބާ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި