ށ. ފީވަކު ވިޔަފާރި ވެރިޔާ ހަސަން ނިޒާމްގެ "ފުޑް ފެކްޓްރީ" މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރައީސް އަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ހުޅުވައިދެއްވައިފިއެވެ.
ނާޒިމް މި ފެކްޓްރީ ހުޅުވައިދެއްވާފައި މިވަނީ އެ ޕާޓީން ބޮޑު ތިލަދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިންނެވެ.
ށ. ފީވަކު "ކްރަންޗީސް ބައި ފީވަކު ފުޑް ފެކްޓަރީ" އަކީ ލުއިކާނާތައް ކަންމަތީ ފިހާރަ ތަކުގެ ހަރުފަތުން އެހެން ހަރުފަތަކަށް ގެންދިއުމުގެ އަޒުމުގައި ހެދި ތަނެކެވެ.
ބްރޭންޑް ނަމެއްގެ ގޮތުގައި ޕެކެޓުގެ ބޭރުގައި "ކްރަންޗީސް" ޖަހާފައި އޮންނައިރު، ޕެކްޓްގައި ހިމެނޭ އައިޓަމްގެ ނަން ދިވެހި ބަހުން ލިޔެފައި އޮވެއެވެ. އަދި ޕެކްޓްތައް ބަންދުކޮށްފައި ވަނީ ވެސް އެކަމަށް އެކަށޭނަ މެޝިނަރީސް ބޭނުންކޮށް ގިނަ ދުވަހު ހަލާކުނުވެ ހުންނާނޭހެން ނައިޓްރިޖަން ގޭސް ވެސް އަޅައިގެންނެވެ.
އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނާޒިމް މިއަދު ށ.ފީވަކަށް ކުރެއްވި ދަތުރުފުޅުގައި ރަށުގެ ޒުވާން ވިޔަފާރިވެރިޔާ ހަސަން ނިޒާމްގެ ފުޑްފެކްޓްރީ ހުޅުވާދެއްވައިފި.#Nazim2023 #Ujaalaazamaan pic.twitter.com/Qq6lue2x8c
— Maldives National Party (@MNP_Secretariat) July 13, 2023
ފީވަކު ފުޑް ފެކްޓަރީގެ އޯނަރ ހަސަން ނިޒާމް "ތިލަދުން" އަށް މީގެކުރިން ވިދާޅުވެފައިވާ ގޮތުގައި ފީވަކު ފުޑްފެކްޓަރީ އުފެއްދުމުގެ އެންމެ ބޮޑު އެއް މަޤުޞަދަކީ ކުދިގުޅަ، ކާޖާ ނުވަތަ އަތުޖެހި ފަދަ ދިވެހި ވަންތަ އުފެއްދުންތަކަށް ހައްގުވާ ދަރަޖައަކީ ކަންމަތީ ފިހާރަކަމުގައި ދެކެމުން އައި ދެކުން ނިމުމަކަށް ގެނެސް ރާއްޖޭގައި އުފައްދާ ތަފާތު ވައްތަރުގެ ލުއިކާނާ ރާއްޖޭގެ ސްވެނިއާ ޝޮޕްތަކުގެ އިތުރުން ރިސޯޓްތަކަށް ވެސް ފޯރުކޮށްދީ މި ތަކެތި އެހެން ލެވެލްއަކަށް ގެންދިޔުން ކަމަށެވެ.
އެންމެ އިސްކަމެއް ދެނީ ތަކެތީގެ ސާފްތާހިރުކަން ރަނގަޅު ފެންވަރެއްގައި ހިފަހައްޓައި، ސާފުތާހިރުކަން ކަށަވަރު ކުރުން ކަމަށްވާއިރު، އެ ފެކްޓަރީން ތިން އައިޓަމެއް އުފައްދައެވެ. އެއީ ކުދިގުޅައާއި ކާޖާ އަދި އަތުޖެހިއެވެ.
ފީވަކު ފުޑް ފެކްޓަރީގައި މިވަގުތު ހަތަރު މުވައްޒަފަކު އަންނަނީ މަސައްކަތް ކުރަމުންނެވެ. އެތަނުގައި ފުށްމޮޑުމާއި ރޮށިގަނޑު ދެމުމާއި ތަކެތި ތެލުލުން، ޕެކެޓްތައް ކޮލެޓީ ސްޓޭންޑަޑެއްގައި ބަންދުކުރުން، މި ކޮންމެ މަސައްކަތަކީ ވެސް އެކަމަށް ހާއްސަ މެޝިނަރީސްގެ އެހީގައި ކުރަމުން އަންނަ މަސައްކަތްތަކެވެ.
ފެކްޓަރީގެ އުފެއްދުންތައް ފެރީގެ ނިޒާމްގެ މެދުވެރިކޮށް މިވަގުތު އެ އަތޮޅުތެރެއަށް އެކަށީގެންވާ ގޮތެއްގައި އަންނަނީ ފޯރުކޮށްދެމުންނެވެ. ކުރިއަށް އޮތްތަނުގައި ޑެލިވަރީގެ ޚިދުމަތް އިތުރަށް ފުޅާކޮށް، ރާއްޖޭގެ ހުރިހާ ހިސާބަކަށް އެ ފެކްޓަރީގެ އުފެއްދުންތައް ފޯރުކޮށްދިނުމަށް އަންނަނީ ތައްޔާރު ވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!