ހދ. ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި ދޯންޏެއް ދިޔަވާތީ އެމްއެންޑީއެފް އިން އެހީތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ މުދާ އުފުލާ ދޯންޏަކަށް ދިޔަވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއިން އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށެވެ.
އެ އިދާރާ އިން ވިދާޅުވީ މިއީ ކުޅުދުއްފުށިން ފުރައިގެން މާލެއަށް ދަތުރުކުރި "އަޅިވިލާ" ނަމަކަށްކިޔާ ދޯންޏެއް ކަމަށެވެ. އަދި މިއީ 95 ފޫޓުގެ ދޯންޏެއް ކަމަށެވެ.
މި ދޯނި ޅ. ކުރެންދޫ ކައިރިން ދަތުރުކުރަމުން ދަނިކޮށް ދިޔަވާކަމުގެ މައުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބުނީ މިއަދު 11:52 ހާއިރު، ކަމަށް ވެސް އެ އިދާރާ އިން ބުނެއެވެ.
މީގެ އިތުރުން މިއީ 4 މީހުންނާއެކު ދަތުރުކުރަމުންދިޔަ ދޯންޏެއް ކަމަށާއި މި ދޯންޏަށް ދިޔަވާން ފެށުމުން، މި ދޯނި މިހާރުވަނީ ކުރެންދޫ ބަނދަރަށް ވައްދާފައި ކަމަށް ވެސް ވިދާޅުވެއެވެ.
މި ދޯނި ދިޔަވާތަން ބެއްދުމަށް ސިފައިންގެ ޑައިވަރުން މިހާރު ދަނީ ހަރަކާތްތެރިވަމުން ކަމަށް ވެސް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!