ސިޔާސީ ގޮތުން މަސައްކަތް ކުރާނީ ކޮން ފަޅިއެއްގައި އަދި ކޮން ސިޔާސީ ޕާޓީއަަކާއި އެކުގައިކަން އަދިނުނިންމާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެެވެ.
އޭނާ މިހެން ވިދާޅުވީ އަމިއްލައަށް އަރުވާލެވިގެން ގާތްގަޑަކަށް ދެ އަހަރެއްހާ ދުވަހު އިނގިރޭސިވިލާތުގައި ހުންނެވުމަށްފަހު، މިއަދު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.
އަލީ ވިދާޅުވީ އޭނާ ރާއްޖެއިން ފުރާވަޑައިގެންނެވިއިރު ހުންނެވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައި ކަމަށާއި އިލެކްޝަންސް ކޮމިޝަނުން އޭނާގެ ނަން އުނި ނުކޮށް އަދި އެހެން ޕާޓީއަކުން 'ވަގަށް' އޭނާގެ ނަން ހިމަނައި ފޯމެއް ނުލާނަމަ އަދިވެސް އޮންނާނީ ޖޭޕީގައި ކަމަށެވެ.
"ދަންނަވަންތޯ އަދި ނުނިންމަން ސިޔާސީގޮތުން ކުރިއަށް ދާނީ ކޮން ބަޔަކާއެކީގައި ކަމެއް. އަޅުގަނޑު ރާއްޖެއިން ދިޔައިރު ހުރީ ޖޭޕީގެ ރައީސްގެ މަގާމުގަ. ދެން ކަންދިމާވި ގޮތުން ގަވާއިދަށް ގެނައި ބަދަލާއެކު އެ މަގާމު އަޅުގަނޑަށް ގެއްލުނީ. އެހެންވީމަ މި ބަލަނީ ޖޭޕީގަ ކަމަށް އަޅުގަނޑުގެ ނަން އޮންނާނީ އިލެކްޝަންސް ކޮމިޝަނުން އަޅުގަނޑުގެ ނަން އުނި ނުކުރާނަމަ. އަދި އެހެން ޕާޓީއަކުން އަޅުގަނޑުގެ ނަމުގަ ވަގު ފޯމެއް ނުލާނަމަވެސް އޮންނާނީ ޖޭޕީގަ ނޫންތޯ." އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ވާދަކުރައްވަން ނިންމަވާފައިވާތީ އެއީ ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
އެކަމަށް އިސްކަން ދޭން ޖެހޭނެކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އެކުގައި ވަރަށްގިނަ މަސައްކަތް ކުރެވި ގައުމު ހަމަމަގަށް އެޅުވުމަށް ގާސިމް އިބްރާހިމް އާއެކު މަސައްކަތްތަކެއް ކުރެވިފައިވުމަކީ ވެސް ވަރަށް ވިސްނަންޖެހޭ ކަމެއް ކަމަށެވެ.
ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި 2021 ވަނަ އަހަރު އަލީވަހީދު ވަނީ މިނިސްޓަރުކަމުން ވަކިކޮށްފައެވެ. އަދި އޭނާގެ މައްޗަށް ތަފާތު އެތައް ދައުވާތަކެއް ކުރިނަމަވެސް އެ މައްސަލަ ކޯޓުގައި ހިނގަމުންދަނިކޮށް އޭނާ ވަނީ ރާއްޖޭން ބޭރަށް ވަޑައިގެންފައެވެ.
އަލީ ވަހީދު ގެނައުމަށް އެތައް މަސައްކަތެއް ކޮށްފައިވާއިރު، ރެޑްނޯޓިސް ނެރެގެން ވެސް އޭނާ ރާއްޖެ ނުގެނެވުމުން މައްސަލަ ކުރިޔަށް ގެންދެވެން ނެތްކަމަށް ބުނެ ދައުލަތުން އޭނާގެ މައްޗަށް އުފުލި ދައުވާތައް މިހާރުވަނީ އަނބުރާ ގެންގޮސްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!