ގުޅީފަޅު ބިން ހިއްކުމުގެ މަޝްރޫއު މިއަދު ފެށުމަށް ތައްޔާރުވެއްޖެއެވެ.

މި މަޝްރޫއު މިއަދު ހަވީރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ.

Ad
rt

ގުޅީފަޅު ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެ ފަޅުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ވެސް ކުރި ކުންފުނި، ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއެވެ. މި މަސައްކަތް އެކުންފުންޏާއި ހަވާލުކޮށްފައިވަނީ 120 މިލިއަން ޑޮލަރު ނުވަތަ 2 ބިލިއަން ރުފިޔާ އަށެވެ.

ގުޅީފަޅު ހިއްކުމުގެ ދެވަނަ ފިޔަވަހީގައި ގުޅީފަޅު ހިމެނޭ ސަރަޙައްދުން 192 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، ގުޅީފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށް ރިވެޓްމަންޓް ވެސް ޖަހާނެއެވެ.

ދެވަނަ ފިޔަވަހީގެ ދަށުން ހިއްކާ ބިން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއާއި މާލޭގައި ހިންގަމުންދާ ބައިނަލްއަގުވާމީ ވިޔަފާރި ބަނދަރުގެ ހިދުމަތް ގުޅީފަޅަށް ބަދަލުކޮށް ސަރަޙައްދީ ބަނދަރެއް ތަރައްގީ ކުރުމަށެވެ.

ރައީސް ސޯލިހު އިއުލާންކުރައްވާފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރާ 2000 ގޯތި، ގުޅީފަޅުން ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.