މާލޭ ސިޓީ ކައުންސިލުން ކުޑަކުދިންގެ ހަވީރެއް މިއަދު ބާއްވަން ނިންމައިފިއެވެ.
މިއަހަރުގެ އަޟުހާ އީދު ފާހަގަކުރުމަށް ބާއްވާ މި ހަވީރު އޮންނާނީ ހަވީރު 4 ން އިރުއޮއްސި 6 އަށް ސަލްޓަންޕާކުގައެވެ.
އެ ކައުންސިލުން ވިދާޅުވީ ކުޑަކުދިންގެ ހަވީރުގައި ކުރެހުމާއި ކުލަޖެއްސުމާއި، މިނޫން ވެސް ފަންނުވެރި ކަމާއިގުޅޭ ޙަރަކާތްތައް ކުރިއަށްދާނެ ކަމަށެވެ.
މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން ކުރިއަށްގެންދާ މި ހަވީރުގެ މަގުސަދަކީ އާރޓް އެންޑް ކްރާފްޓްގެ ދާއިރާއަށް ކުޑަކުދިން އަހުލުވެރި ކުރުވުމާއިއެކު މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ކުޑަކުދިންނަށް އާއިލާ އާއިއެކު އަޟުހާ އީދު އުފާވެރި އީދެއްގޮތުގައި ފާހަގަކުރުން ކަމަށް އެ ކައުންސިލުން ވިދާޅުވެއެވެ.
މި ހަވީރުގައި މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ބައިވެރި ވަޑައިގަންނަވާނެ ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވެއެވެ.
މާލެސިޓީ ކައުންސިލާއި ފެސްޓިވޯ އިންސްޓިޓިއުޓް ގުޅިގެން މީގެ ކުރިން ވެސް ސަލްޓަން ޕާކުގައި ވަނީ މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.
މި އަހަރުގެ އަޟުހާ އީދަށް މަރުޙަބާ ކިޔުމުގެގޮތުން މާލެސިޓީ ކައުންސިލުން ވަނީ މާލޭގެ ބޮޑުތަކުރުފާނު މަގާއި، މަޖީދީމަގު އަދި ސޯސަންމަގުގެ އިތުރުން ވިލިމާލެ ހިމެނޭހެން ބައެއް ބޮޑެތި މަގުތައް ޒީނަތްތެރި ކުރުމަށް މާލެ އާއި ވިލިމާލޭގައި ޖުމްލަ 22 ގިޑިގެ އާއެކު 2224 ބޮކި ހަރުކޮށް ދިއްލާލާފައެވެ. އަދި ހައްޖު ދުވަހުގެ މެންދުރުން ފަހުން ފެށިގެން މާލެސިޓީ ކައުންސިލުގެ ސްމާޓް ސްޓްރީޓް ލައިޓްތަކުގެ ސްޕީކަރުތަކުން ވަނީ އަޑުހަރުކޮށް ތަކުބީރު އިއްވަން ފަށާފައެވެ.
މީގެ އިތުރުން އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އީދު ނަމާދަށްފަހު ސަލްޓަންޕާކު ސަރަޙައްދުގައި ދިރާގާއި މާލެ ސިޓީ ކައުންސިލް ގުޅިގެން އީދު ސަޔެއް ވަނީ ބާއްވާފައެވެ. އަދި އުރީދޫ އާއި މާލެސިޓީ ކައުންސިލް ގުޅިގެން ގެންދާ އުޟްހިޔާ ކަތިލުން ވެސް ވަނީ ބާއްވާފައެވެ. އުޟުހިޔާ ކަތިލާފައިވަނީ އުސްފަސްގަނޑުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!