•  
  •  
  •  
  •  
  •  
  •  
  •  

ތުނޑި ރީތިވި ނެއްލައިދޫ މަސްވެރިކަމުގެ ގޮތުން

މުޅި ހާދާލުން އެއްވަނަ ހޯދައިފިތާދޯ

މިއީ ހދ އަތޮޅު ފަރިހީގައި ވާ ބައިތެކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު މި މަސައްކަތް ކުރަނީ މި ފަރިހީގެ މޮޅުވާހަކަ ދައްކާކަށެއް ނޫނެވެ. އެހެން ނަމަވެސް ފަރިހީގައި އެބުނާ ވާހަކައިގެ މުގުލުގައި ހުރި ފަރާތެއްގެ ވާހަކަ މަސްވެރިންގެ މި ފަޚުރުވެރި ދުވަހު ތިޔަ ބޭފުޅުންނާ ހިއްސާކޮށް ލާނަމެވެ.

ހދ. ނެއްލައިދޫ އަސަރީމާގެ އަލްމަރްޙޫމް ޢަބްދުއް ޞަމަދު ޢަލީ(ޞަމަދުބެ) އަކީ ބޮޑު ތިލަދުންމަތީގައި ޚާއްސަކޮށް ނެއްލައިދޫގައި ފާހަގަކޮށްލެވޭ ތާރީޚީ ނަމެކެވެ. 1936 ވަނަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަން ޞަމަދުބެ އުމުރުން 10 އަހަރުގައި މާކަނޑަށް ނިކުތީ މަސްވެރިކަމުގެ ޙަޤީޤީ ކުލަތައް މި ޖީލަށް ދައްކައިދިނުމުގެ ފުރިހަމަ ޢަޒުމުގައެވެ. މަސްވެރިކަމަށް ހުރި ޝަޢުޤުވެރިކަމާއި ޖޯޝުން ކާމިޔާބު ކެޔޮޅެއްގެ ޝަރަފު ހޯދިއެވެ. ޞަމަދުބެއަކީ މެދުކެނޑުމެއްނެތި 71 އަހަރު ވަންދެން ނެއްލައިދޫއަށާއި މުޅި ޤައުމަށް ޚިދުމަތްކޮށްދެއްވި ބޭފުޅެކެވެ.

އެގޮތުން ޞަމަދުބެ ވަނީ އިބްރާހިމް ނާޞިރުގެ ދައުރުގައި “އެންމެގިނައިން ފުރުން“ މި އެވޯޑާއި، އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމުގެ ދައުރުގައި “އެންމެ ގިނައިން މަސްބޭނި“ އެވޯޑު ޙާސިލްކުރައްވާފައިވެއެވެ. ރައީސް މައުމޫނުގެ ދައުރުގައި ލިބުނު އެވޯޑާއި އެކު ޞަމަދުބެއަށް ވަނީ އޮޑިއެއްވެސް ލިބިފައެވެ. އަދި 1993 ވަނަ އަހަރު މަސްވެރި ކަމުގެ ދާއިރާއިން އާންމު ޚިދުމަތަށް ހިތްވަރުދިނުމުގެ އިނާމް ވެސް ޙާސިލް ކުރައްވާފައިވެއެވެ.

މީގެ އިތުރުން 1962 ވަނަ އަހަރުން ފެށިގެން 1971 ވަނަ އަހަރާއި ހަމައަށް މެދުނުކެނޑި މަސްވެރިކަމުގެ ދާއިރާއިން ހދ ނެއްލައިދޫ ރަންވަނަތަކެއް ހޯދާފައިވާއިރު މި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުރި އެއްފަރާތަކީ ވެސް އަލްމަރްޙޫމް ޢަބްދުއް ޞަމަދު ޢަލީ އެވެ.

ތިލަދުން އާއި ވާހަކަދައްކަމުން ނެއްލައިދޫގެ ޒުވާނަކު ބުނެފައިވަނީ ޞަމަދުބެ އަކީ މަސްވެރިކަމަށް ލޯބިކުރައްވާ ފަރާތެއްކަމަށާއި ދުނިޔޭގައި ހުރި އިރު އަބަދުވެސް މަސްވެރިކަމާއި ގުޅުންހުރި ތަކެތި ގެންގުޅޭ ކަމަށާއި މަސްވެރިކަން ކުރުމަށް ދޯނިފަހަރުވެސް ގެންގުޅުނު ކަމަށެވެ.

އެހެންފަރާތަކުން ބުނެފައި ވަނީ

ކުރީގަ ޞަމަދުބެ ދުނިޔޭގަ ހުރިއިރު މަގުމަތިން ދާއިރު އަބަދުވެސް ފެންނަނީ ދަލެއް ހަދަން އިންނަތަން އެހެންވީމަ އަސްލު އިނގޭ ޞަމަދުބެ އަބަދުވެސް މަސްވެރިކަމަށް ލޯބި ކުރާކަން. ދެން އެފެމެލީ އަކީ ވެސް ވަރަށް މަސްވެރިކަމަށް ލޯބިކުރާ ބައެއްކަން އިނގޭ ބޭރުގަ ހުންނާނެ މަސް އަވީލާފަ ވަރަށް ގިނައިން ރިހާކުރާ، ވަޅޯމަސް ވެސް އެގެއިން ކުރިން ލިބޭނެ. ވަރަށް މަސްވެރި ފެމިލީއެއް އެއީ އަސްލުގަ.

ޞަމަދުބެ އާއި އެކު އެއް އޮޑީގައި މަސައްކަތް ކުރި ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ޞަމަދުބެއަކީ އަމުރުވެރި ވުމުގެ ބަދަލުގައި އެހެން މީހުންނާއި ގުޅިގެން އެހެން މީހުން ނަށް ހިތްވަރު ދީގެން މަސައްކަތް ކުރި ހީވާގި ހުނަރުވެރި ކެޔޮޅެކެވެ.

މަސްވެރިކަމުގެ ފަޚުރު ފަނޑުވިޔަނުދީ ހިފެހެއްޓުމަށް ޞަމަދުބެ ވަނީ މަސައްކަތް ކުރައްވާފައެވެ. އެގޮތުން ޞަމަދުބެގެ ދަރިންގެ ހިތުގައި މަސްވެރިކަމަށް ލޯބިޖައްސުވައި މާކަނޑުގެ ތެރެއަށް ނެރެދިނެވެ. ނަތީޖާއެއްގެ ގޮތުން ޞަމަދުބެ 5 ފިރިހެން ދަރިންގެ ދިރިއުޅުން ވެސް އާރާސްތުވެގެން ދިޔައީ މަސްވެރިކަމުގެ ދޮރޯށިންނެވެ. 5 ފިރިހެން ދަރިންގެ ތެރެއިން މިއަދު މަސްވެރިކަމުގައި ދެމިހުރީ ޢުމުރުން 33 އަހަރުގެ ރިލްވާން ޝަރީފް އެކަނި ނަމަވެސް އެއްވެސް ދަރިއަކު މަސްވެރިކަން އެއްކޮށް ދޫކޮށެއް ނުލައެވެ. ނެއްލައިދޫގައި މިހާރު ހުރި އެންމެ ހަގު ކެޔޮޅު ރިލްވާން ޝަރީފް ބުނި ގޮތުގައި މަސްވެރިކަން ދުވަހެއްގެ ކޮޅުން ވެސް ދޫކޮށްނުލުމަށް ބައްޕަ އަބަދުވެސް ބުނެ ހިތްވަރުދީހެދިއެވެ. މިއަދު ރިލްވާން ހުރީ އޭނާގެ ބައްޕަގެ އަގުހުރި ބަސްތަކުން ޢަޒުމް އައު ކޮށްގެންނެވެ.

އެހެން ކަމުން ޞަމަދުބެ އަކީ ޙަޤީޤަތުގައި ނެއްލައިދޫ ރައްޔިތުންގެ ފަޚުރެވެ. ނެއްލައިދޫ އަށް ލިބިފައިވާ ކާމިޔާބީ ތަކުގެ އަސްލެވެ. ނެއްލައިދޫގެ ނަން ރާއްޖެއަށް ދައްކައިދިން ބަޠަލެވެ. އެރަށުގެ ރައްޔިތުން ޞަމަދުބެގެ ޚިދުމަތްތަކުގެ އަގުވަޒަންކުރަނީ ޝުކުރުވެރިކަމާއެކުގައެވެ. އެގޮތުން މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ހަވީރު އެމްމަސް އެމްވީގެ ފަރާތުން ސަމަދުބޭގެ ހަނދާނުގައި ނެއްލައިދޫގައި މަސްރޭހެއްބާއްވަން ވަނީ ހަމަޖެހިފައެވެ.

ޞަމަދުބެ ނިޔާވެފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 3 ވަނަ ދުވަހު ޢުމުރުން 78 އަހަރުގައެވެ. ނިޔާވިއިރު އަނތްބަކާއި 5 ފިރިހެން ދަރިންނާއި 6 އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވެ. މާތް ﷲ ޞަމަދުބެގެ ފުރާނައަށް ހެޔޮރަޙުމަތް މިންވަރު ކުރައްވާ، ފާފަފުއްސަވާ، ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި! އާމީން!

ޚިޔާލު

Your email address will not be published.

More in ރިޕޯޓް