ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ކޮރަލްސް ބަލިކޮށް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ހަނިމާދޫއިން ކޮރަލްސްގެ މައްޗަށް ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ.

Ad
rt

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމްގެ ފަރާތުން ފެނުނީ ލަސް ކުޅުމެކެވެ. މިގޮތުން ދެ ޓީމްގެ ފަރާތުން ފެނުނީ ވެސް މަދު އެޓޭކްތަކެކެވެ. ފުރަތަމަ ހާފުގައި ހަނިމާދޫ ޓީމްގެ އަލީ އާމިރު ކޮރަލްސްގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލިއިރު، ކޮރަލްސްގެ ޖައިލަމް ވެސް ވަނީ ހަނިމާދޫ ގޯލަށް ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. ޖައިލަމް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ފުރަތަމަ ހާފާއި ޚިލާފަށް ދެވަނަ ހާފުގައި ފެނުނީ ވާދަވެރި ފޯރިގަދަ ކުޅުމެކެވެ. ދެވަނަ ހާފު ފެށިތާ ތިން މިނެޓްގެ ތެރޭ ހަނިމާދޫއިން ވަނީ ދެ ލަނޑު ޖަހައި ކޮރަލްސް ސިއްސުވާލާފައެވެ. ހަނިމާދޫގެ ފުރަތަމަ ލަނޑު 46 ވަނަ މިނެޓުގައި ލިބުނު ކޯނަރަކުން އަލީ ހުސެއިން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ހަނިމާދޫ ޓީމްގެ ފުލްބެކް ހުސެއިން ރަމީޒެވެ. މި ލަނޑު ޖެހުމުގެ އިތުރުން ހަނިމާދޫ ޓީމްގެ ފަހަތުގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.

މެޗުގެ ދެވަނަ ލަނޑު 48 ވަނަ މިނެޓުގައި ދަނޑުގެ މެދަކާ ހިސާބުން ހަނިމާދޫ ޓީމްގެ އަލީ ހުސެއިންއަށް ލިބުނު ބޯޅަ އޭނާ ކޮރަލްސްގެ ޑިފެންޑަރުން ކައިރިން ނައްޓާފައި ގޯލު ކުރިމައްޗަށް ހުރަސްކުރި ބޯޅަ ފުންނާބުން ޖަހައި ގޯލުގެ ތެރެއަށް ވައްދާލީ ނައުފަލް އަބްދުއްރައޫފެވެ. ހަނިމާދޫ ޓީމްގެ ދެ ލަނޑުގައި ވެސް އަލީ ހުސެއިންގެ ހިއްސާ ބޮޑެވެ. މިއަދު މެޗުގައި ހަނިމާދޫ ޓީމްގެ އެޓޭކްގައި އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

މެޗުގައި ކޮރަލްސްއަށް ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ޒައިދު މުޙައްމަދެވެ. މެޗުގެ 70 ވަނަ މިނެޓުގައި ކޮރަލްސްގެ ފަތުހުﷲ (ފައްތެ) ހަނިމާދޫ އޭރިއާތެރެއަށް މަތިން ހުރަސްކޮށްދިން ބޯޅަ އެއްފަހަރުން ޖަހައި ޒައިދު ވަނީ ހަނިމާދޫ ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލާފައެވެ.

ދެ ޓީމުން ވެސް މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ އިތުރު ވަގުތުގެ ތެރޭ ކޮރަލްސްގެ އަހްމަދު ދާއޫދާއި ހަނިމާދޫ ޓީމްގެ އަލީ ހުސެއިންގެ މެދުގައި ހިނގަދިޔަ ކަންތައްތަކަށް ބަލައި މެޗުގެ ރެފްރީ ވަނީ އެ ދެ ކުޅުންތެރިންނަށް ރަތްކާޑު ދައްކާފައެވެ.

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ. މިއީ ގްރޫޕް އޭގައި ހިމެނުނު ދެ ޓީމެވެ. ގްރޫޕް ބުރުގައި މި ދެ ޓީމް ބައްދަލުކުރި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޒިގްޒެގެވެ.