ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ނޮޅިވަރަމް ހުވާސް އާއި ކުޅުދުއްފުށީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖް އަދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއި ކުޅުދުއްފުށީ ކްލަބް ކޮރަލްސް ބައްދަލުކުރަން ޖެހިއްޖެއެވެ.

މި މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް މިހާރު ވަނީ ކުޅެނިމިފައެވެ. ގްރޫޕް ސްޓޭޖް ފަހު މެޗުގައި މިއަދު ބައްދަލުކުރީ ކްލަބް ކޮރަލްސްއާއި ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބެވެ. މި މެޗު 2-1 ގެ ނަތީޖާއިން ކާމިޔާބުކުރީ ކޮރަލްސް އެވެ.

Ad
rt

މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ކޮރަލްސް އިންނެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އަހްމަދު ހަސަން އެވެ. ކޮރަލްސް އިން ލަނޑުޖެހިތާ ދެ މިނެޓް ފަހުން ނައިވާދޫގެ ހުސެއިން މައިޝާން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ނަމަވެސް އޭގެ އިރުކޮޅެށް ފަހުން ކޮރަލްސް އިން ވަނީ މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ޖައިލަމް އެވެ.

ގްރޫޕް އޭގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށް ނުވަ ޕޮއިންޓާއިއެކު، ގްރޫޕްގެ އެއްވަނާގައި ސެމީން ޖާގަ ހޯދީ ޒިގްޒެގެވެ. ޒިގްޒެގް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް ބީގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ ހަ ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދި ނޮޅިވަރަމް ހުވާސް އާއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހު ހަވީރުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ލިބޭނެއެވެ.

ގްރޫޕް ބީގެ އެއްވަނަ ހޯދީ ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ހަތް ޕޮއިންޓް ހޯދި ކްލަބް ކޮރަލްސް އެވެ. ކޮރަލްސް ސެމީގައި ބައްދަލުކުރަން ޖެހޭނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް އެއް މެޗުން ބަލިވެ ހަތަރު ޕޮއިންޓާއިއެކު ގްރޫޕްގެ ދެވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ހޯދި ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާއެވެ. މި މެޗު ކުޅޭނީ އަންނަ ހޮނިހިރު ދުވަހު ހަވީރުއެވެ. މި މެޗުން މޮޅުވާ ޓީމަކަށް ފައިނަލުގެ ފަހު ޖާގަ ލިބިގެން ދާނެއެވެ.

މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހުގެ 19 ވަނަ ދުވަހު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައެވެ.