ހދ. ކުޅުދުއްފުށީ ސިޓީގެ ހުރިހާ ކައުންސިލަރުން ސަރުކާރުން ވީއްލުމަކީ އަމިއްލަ ފައިމައްޗަށް ތެދުވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ސިފަކުރައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ސިފަކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެ އަތޮޅު ތައުލީމީ މަރުކަޒުގައި ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ނަޝީދު ވިދާޅުވީ ސިޓީ ކައުންސިލެއް އެކުގައި ވެރިކަން ކުރާ ޕާޓީއަކުން ވަކިވާ ހާދިސާ އެއީ ސިޔާސީ ޒަލްޒަލާއެއް ކަމަށާއި އެއީ ސިޔާސީ ހާދިސާއެއް ކަމަށެވެ. އަދި ވެރިކަން ކުރާ ޕާޓީ ދޫކޮށް، މުޅި ކައުންސިލް އެކީގައި ނުކުތުމަކީ، ކައުންސިލްގެ އުއްމީދުތައް ހާސިލް ކުރުމަށް ގިރާ ނުކުރާނެ އޮޅިގަނޑެއް ކަމަށެވެ.
"އެއީ ނުއުފުލާނެ ތަކުލީފެއް ނެތް ކަމުގެ ސާފު ރަމްޒެއް. އެއީ އަމިއްލަ ފައިމައްޗަށް ތެދުވެ ވީއްލިގަންނަން އޮބެހެއްޓިފައި ނުތިބެން ކުރާ މަސައްކަތެއް." ނަޝީދު ވިދާޅުވިއެވެ.
މީގެ އިތުރުން އެމަނިކުފާނު ވަނީ އެ ކައުންސިލްގެ މެންބަރުންގެ މިސްރާބު ބަދަލުކުރީ ސަރުކާރުން ވައުދުވީ މަޝްރޫއުތައް ބާރަށް ހިނގާތަން ނުފެންނާތީ ކަމަށާއި އެއީ ހިތްވަރު ގަދަ ފިޔަވަޅެއްކަން ވެސް ފާހަގަކުރައްވާފައެވެ. އަދި އެ ސިޓީގައި އެކަށީގެންވާ އަދަދަކަށް ޕްރޮޖެކްޓްތައް ހިނގާފައި ނުވަނީ ލާމަރުކަޒުކޮށް މަސައްކަތްތައް ސިޓީ ކައުންސިލާ ހަވާލުކޮށްގެން އެ ކައުންސިލްތައް ލައްވާ މަސައްކަތްތައް ކުރުމަށް އަޒުމު ކަނޑަނޭޅުމުން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގެ މިސްރާބާއި ދިވެހިންގެ އުއްމީދުތައް އެއްވެސް ވެރިއަކަށް ވެސް އަދި ސަރުކާރަކަށް ވެސް ނުހުއްޓުވޭނެ ކަމަށާއި ސަރުކާރުގެ ސިޔާސަތު އެއްގޮތަށް ނެތުމުން ކައުންސިލްތަކުން ބާރުތައް އަމިއްލަ އަށް އަތްމައްޗަށް ނަގާ ކަމަށާއި ދެން އެކަން ނުހުއްޓުވޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!