ހދ. ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ "ސިޓީ ހޮޓްލައިން" އިފްތިތާހު ކޮށްފިއެވެ.
މި ހޮޓްލައިން އިފްތިތާހު ކޮށްދެއްވީ އެ ކައުންސިލުގެ 2 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.
ހދ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި މި ޖަލްސާގައި އިފްތިތާހުކޮށްފައިވާ "ސިޓީ ހޮޓްލައިން" ނަމްބަރަކީ 1621 އެވެ.
އެކި ޚިދުމަތްތައް ހޯދުމަށާއި މައުލޫމާތު ސާފުކުރެއްވުމަށް މި ހޮޓްލައިން މިހާރުބޭނުން ކުރެވޭނެ ކަމަށާއި މި ހޮޓްލައިން ގެ ބޭނުމަކީ ކައުންސިލާ މުއާމަލާތް ކުރުމަށާއި ޚިދުމަތް ހޯދުމަށް ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ލުއިފަސޭހަ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްދާ މަޝްރުއުގެ ބައެއް ކަމަށް ވެސް ކުޅުދުއްފުށި ސިޓީ ކައުންސިލުން ވިދާޅުވެއެވެ.
މީގެ އިތުރުން އެކިއެކި ދާއިރާތަކުން އަންނަމުންދާ ކުރިއެރުންތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނީ ރައްޔިތުން ބާރުވެރި ކުރުވައި، ތަރައްގީގެ ވިސްނުންތައް ރައްޔިތުންގެ ތެރެއިން ހުށަހެޅި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއެކުގައި ކަމަށް ވެސް އެ ކައުންސިލުން ވިދާޅުވިއެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުގެ ސިޓީ ހޮޓްލައިން
ސިޓީ ކައުންސިލާއި ގުޅުއްވުމަށް މިހާރު ސިޓީ ހޮޓްލައިން 1621 ބޭނުންކުރެއްވޭނެ.
ސިޓީ ހޮޓްލައިންގެ ޙިދުމަތް ލިބިވަޑައިގަންނަވާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 - 14:00 pic.twitter.com/gKGfPHhrmK— Kulhudhuffushi City Council (@kfcitycouncil) June 14, 2023
ރޭގެ ޖަލްސާގައި ވަނީ 2022 ވަނަ އަހަރު އެ ކައުންސިލަށް އެހީތެރިކަން ފޯރުކޮށްދިން ފަރާތްތަކަށާއި ކައުންސިލުގެ މުވައްޒަފުންގެ ޚިދުމަތްތެރި މަސައްކަތްތަކަށް ހިތްވަރުދީ އަގުވަޒަން ކޮށްފައެވެ.
މީގެ އިތުރުން ވަގުތު ހުސްކުރައްވައި، އެ ޖަލްސާ ޝަރަފްވެރިކޮށްދެއްވުމަށް ވަޑައިގެންދެއްވީތީ، އެކަމުގެ އަގުވަޒަންކޮށް ރަމްޒެއްގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ވަނީ ހަނދާނީ ހަދިޔާއެއް ހަވާލުކޮށްފައެވެ. މި ހަދިޔާ، ނަޝީދަށް ހަވާލުކޮށްދެއްވާފައިވަނީ ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފްއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!