ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއް ކަމަށް މަތީ ތައުލީލާއި ބެހޭ ވަޒީރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެެވެ.

ކަލާފާނު ސްކޫލުގެ އިނާމު ދިނުމުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ހަރުދަނާ ޒުވާނަކަށް ވުމަށްޓަކައި މަދަރަސީ ތައުލީމުގެ 12 އަހަރު މުހިއްމު ކަމަށާއި މަދުރަސީ ހަޔާތުގެ 10 އަހަރަށްވުރެ 12 އަހަރު ހުރިހާ ގޮތަކުން ވެސް މުހިއްމު ކަމަށެވެ.

Ad
rt

އެމަނިކުފާނުގެ ނަޒަރުގައި ބޮޑުވަމުން އަންނަ ކުއްޖަކަށް ދެ އަހަރުގެ އޭލެވެލް ތައުލީމަކީ ވަރަށް މުހިއްމު އެއްޗެއްކަން ފާހަގަކުރައްވާ ވިދާޅުވީ އެ ދެ އަހަރުތެރޭގައި ދަރިވަރަށް އޭނާ ކިޔަވަން ބޭނުންވާ ދާއިރާއިން އިތުރަށް މައުލޫމާތު ލިބިގެންދާނެ ކަމަށެވެ. އަދި އޭނާ ހެދިބޮޑުވުމަށް އިތުރަށް ވަގުތު ލިބިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މީހުންނާއި މުއާމަލާތްކުރުމާއި އެ އުމުރުފުރާގައި އެ ދިމާވާ ކަންތައްތައް ތަޖުރިބާކުރުމާއި އެކަންތައްތައް ހެޔޮގޮތުގައި ކުރިއަށް ގެންދިއުމާއި މި ހުރިހާކަމެއްގެ ތަޖުރިބާ، އަޅާލާ އޯގާތެރި ވެއްޓެއްގައި ލިބުން މުހިއްމުކަން ވެސް ފާހަގަ ކުރެއްވިއެވެ. އަދި އޭލެެވެލް މުގައްރަރަކީ ދަރިވަރުންނަށް އަމިއްލައަށް އުނގެނުމަށް މަޖުބޫރުކުރުވާ މުގައްރަރެއްކަން ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.

ހަމަމިއާއެކު މަތީ ތައުލީމާއި ބެހޭ ވުޒާރާއިން ހުޅުވާލާ ސްކޮލަޝިޕްގެ ފުރުސަތުތަކަށް ކުރިމަތިލެވޭނީ އޭލެވެލް އޮވެގެން ކަމަށާއި އޭލެވެލް އޮވެއްޖެނަމަ ދުނިޔޭގެ ކޮންމެ ޔުނިވާސިޓީއަކުން ކޮންމެ އެއްޗެއް ކިޔެވުމުގެ ފުރުސަތު ފަހިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަޒީރު އިތުރަށް ވިދާޅުވީ ދަރިވަރުންނަށް އެންމެ ރަނގަޅަށް މަތީތައުލީމާއި މަސައްކަތުގެ ތައުލީމާއި ހުނަރު ދެވޭނެ ގޮތަކީ ކޮބައިތޯ ވިސްނާލުން މުހިއްމު ކަމަށާއި ދަރިންނަށް ހޯދައިދޭން ބޭނުންވާ ކާމިޔާބީއާ އެ ދަރިންގެ ގައިގައި އަށަގަންނަވަން ބޭނުންވާ ހުނަރުތަކަކީ ކޮބައިތޯ އަޅުގަނޑުމެން އަމިއްލަ ނަފްސާ، ސުވާލުކޮށްލަންޖެހޭ ކަމަށެވެ.

ހަމަމިއާއެކު ކާމިޔާބު މީހަކަށްވުމަށްޓަކައި މައިގަނޑު ދެ ސިފައެއް ހުންނަން ޖެހޭކަން ފާހަގަކުރައްވައި ވިދާޅުވީ ކުރިއަށްދާން ބޭނުންވާ ރޮނގަކުން އެކަށީގެންވާ މިންވަރަށް ތައުލީމާއި ހުނަރު ލިބިފައި ހުރުމަކީ ވެސް ކާމިޔާބު މީހަކަށްވުމަށްޓަކައި މުހިއްމު ކަމެއް ކަމަށެވެ.

ޑރ. އިބްރާހިމް ހަސަން ވިދާޅުވީ އެއް ސިފައަކީރިވެތި އަޚުލާގުގެ ވެރިއަކަށްވުން ކަމަށާއި ދެވަނަ ސިފައަކީ އެމީހަކު ނޫނީ އެދަރިވަރަކު ވަޒީފާ އަދާކުރަން ބޭނުންވާ ދާއިރާއަކުން ތައުލީމާއި ތަމްރީނު އެންމެ ބޭނުންވާ މިންވަރަށް ހޯދުން ކަމަށެވެ. އަދި މިދެ ސިފަ ނެތި ކާމިޔާބު މީހަކަށްވުމަށް ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.