ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މިއަދު ނޮޅިވަރަމް ހުވާސްއާއި ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު ކާމިޔާބު ކޮށް މުބާރާތުގެ ސެމީ ފައިނަލުން ހުވާސް އިން ޖާގަ ހޯދައިފިއެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ހުވާސް އިން ހިރަފުސްގެ މައްޗަށް ކުރި ހޯދީ 3-1 ގެ ނަތީޖާއިންނެވެ.

Ad
rt

ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ހުވާސް އިން ވަނީ ދެ މެޗު ކާމިޔާބުކޮށް ހަ ޕޮއިންޓް ހޯދައި ސެމީން ޖާގަ ކަށަވަރު ކޮށްފައެވެ. މި ގްރޫޕުން ސެމީން ޖާގަ ހޯދާ ދެވަނަ ޓީމެއް ޔަޤީންވާނީ މާދަމާ ހަވީރު ކްލަބް ކޮރަލްސްއާއި ނައިވާދޫ ޓްރެއިނާސް ބައްދަލުކުރާ މެޗަށް ފަހުއެވެ. މި މެޗު މޮޅުވެގެން ކޮރަލްސްއަށް މި ގްރޫޕްގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީން ޖާގަ ލިބެން އޮތްއިރު، މެޗު އެއްވަރު ކޮށްލި ނަމަވެސް ކޮރަލްސް އަށް ސެމީން ޖާގަ ލިބޭނެއެވެ.

މިއަދު މެޗުގައި ނޮޅިވަރަމް ޓީމުގައި ތަފާތު ދެއްކީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އެ ޓީމްގެ ޖޯޒީ ނަމްބަރު 7، ސާލިމް މުޙައްމަދެވެ. އޭނާ މިއަދު މެޗުގައި ނޮޅިވަރަމް ޓީމަށް ދެ ލަނޑު ޖަހައިދީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ވެސް ވަނީ ހޯދާފައެވެ. ދެން ނޮޅިވަރަމަށް ލަނޑު ޖަހައިދިނީ އެ ޓީމްގެ ކެޕްޓަން މާއްދު އަދުނާން އެވެ. މެޗުގައި ހިރަފުހުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި ޖަހައިދިނީ އަސަދުﷲ އަބްދުﷲ އެވެ.

ގްރޫޕް ސްޓޭޖް ފަހު މެޗުގައި މާދަމާ ހަވީރު ބައްދަލުކުރާނީ ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ކުލަބް ކޮރަލްސް އެވެ.