މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާހު ކުރުމަށް އެއާޕޯޓުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ތޯހާ އާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަބްދުލްރަހްމާން އެވެ.
އެމްއޭސީއެލްގެ ސޭފްޓީ، ސެކިއުރިޓީ އެންޑް ކޮމްޕްލަޔަންސް ޑިޕާޓްމަންޓުން ވަނީ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މުޅި އަހަރަށް ބަހާލައިގެން ބިނާރުގެ ނަމުގައި ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ.
މި ކެމްޕެއިންގެ ހަރަކާތެއްގެ ގޮތުން މިއަދު އިފްތިތާހުކުރި ރޯޑް ސޭފްޓީ އެވެއާނަސް ޕްރޮގްރާމްގެ ދަށުން ކުންފުނީގެ ސީނިއާ މެނޭޖްމަންޓާއި އާންމު މުވައްޒަފުންނާއި ޑްރައިވަރުންނަށް ޚާއްސަ ހޭލުންތެރިކުރުމުގެ ސެޝަންތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.
މިރަސްމިއްޔާތުގައި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ތޯހާ ވަނީ މަގުމަތީގެ ޤަވާއިދުތަކަށް ބޯލެނބުމާއި، ސްޕީޑް ލިމިޓަށްވުރެ ބާރަށް ނުދުއްވުމުގެ މުހިންމުކަމުގެ މައްޗަށް ވަނީ އަލިއަޅުއްވާލާފައެވެ.
ހިނގާފައިވާ ގިނަ އެކްސިޑެންޓްތަކަކީ ބަލަންވާވަރަށް ނުބަލާ ދުއްވުމުގެ ސަބަބުން ހިނގާފައިވާ ހާދިސާތަކެއްކަން ފާހަގަކޮށް އެއާޕޯޓުގެ މަގުތަކުގައި ހިނގާފައި ދާއިރު، ބޮޑެތި ބަސްތަކާއި އުޅަނދުތައް ގިނައިން ދަތުރުކުރާތީ އެކަމަށް ސަމާލުވުމަށް ވެސް އޭނާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަހުމަދު އަބްދުލް ރަހްމާންވަނީ ފަރުދުންނަށް ނުރައްކާވެދާނެ ސަބަބުތައް ދެނެގަތުމުގައި ބޮޑު އަހަންމިއްޔަތެއް ދެއްވުމަށް މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފައެވެ. އަދި ސަލާމަތާއި ރައްކާތެރިކަމަށްޓަކައި މިފަދަ ކަންތައްތައް ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނައުމަށް ވެސް އެދިވަޑައިގެންނެވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތަށްފަހު އެމްއޭސީއެލްގެ ސީނިއާ މެނޭޖްމަންޓަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމް ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތައް އެކުލަވާލައި، އެ ގަވާއިދުތައް ތަންފީޒްކުރުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަން ސެކްޝަނުން ދަނީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ކުރަމުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ގިނަ ފަރާތްތަކަކާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތުގައި އެމް.އޭ.ސީ.އެލްއާއި އެކުވެސް މިވަނީ ހާއްސަ މަސައްކަތްތަކެއް ކުރުމަށް ފެށިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!