ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާއެއްކަމަށްވާ އެޑްވޮކޭޓް ދަ ރައިޓްސް އޮފް ޗިލްޑްރަން (އާކް) އަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން60،000 ރުފިޔާ މިއަދު ހަވާލުކޮށްފިއެވެ.
ބީއެމްލްގެ މައި އޮފީހުގައި ބޭއްވުނު ކުޑަ ހަފްލާއެއްގައި، ހަވާލުކޮށްފައިވާ މި ފައިސާ އަކީ ބީއެމްއެލްގެ މުއައްޒަފުންގެ ނަމުގައި ހަދިޔާ ކުރި ފައިސާއެވެ. މި ފައިސާ އާކް އާއި ހަވާލު ކޮށްދެއްވީ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ ޓިމް ސޯޔާ އެވެ. ޓިމް ވިދާޅުވި ގޮތުގައި މި އެހީތެރިކަމަކީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމަށާއި ކުޑަކުދިންގެ ކުރިއެރުމަށް އާކް އިން ހިންގާ ހަރަކާތްތަކަށް ދެވޭ އެހީތެރިކަމެއް ކަމަށެވެ.
މީގެ ކުރިން ބީއެމްއެލް އިން ވަނީ އާކް އާއި ގުޅިގެން ބުލީކުރުން ހުއްޓުވުމަށް މުޖުތަމައު ހޭލުންތެރިކުރުމަށް ގައުމީ ފެންވަރުގައި ކުރިއަށް ގެންދާ "ބީޓް ބުލީން" ޕްރޮގްރާމަށް ފަންޑްރައިޒް ކޮށްފައެވެ. އެގޮތުން ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގުރޫޕް (ޓީއެފްޖީ) ގުޅިގެން ކުރިއަށްގެންދިޔަ "ބީއެމްއެލް ވާއު ކިޑްސް ރަން" އިން ވަނީ ޖުމްލަ105،250 ރުފިޔާ އެ ކެމްޕޭނަށް ހަދިޔާ ކޮށްފައެވެ.
ބީއެމްއެލް ދަނީ މިފަދަ އެހެނިހެން އިޖުތިމާއި ޒިންމާގެ ދަށުން އެކިއެކި ހަރަކާތްތައް ހިންގާ ޖަމުއިއްޔާތަކަށް އެހީތެރިވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!