ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގައި މާއްޓޭ ސްޕޯޓްސްއާއި ޒިގްޒެގް ފޯ ޔޫތު ލިންކޭޖް ބައްދަލުކުރި މެޗު ކާމިޔާބުކޮށް، ސެމީ ފައިނަލުގެ ޖާގައެއް ޒިގްޒެގުން ކަށަވަރު ކޮށްފިއެވެ.
މި މުބާރާތުގެ ގްރޫޕް އޭގައި އިއްޔެ ޒިގްޒެގާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗު، ޒިގްޒެގުން ވަނީ 4-0 ގެ ތަފާތު ބޮޑު ނަތީޖާއިން ކާމިޔާބު ކޮށްފައެވެ.
މި މޮޅާއިއެކު ގްރޫޕްއޭގެ އެއްވަނާގައި މިވަގުތު އޮތީ ޒިގްޒެގެވެ. ޒިގެޒެގަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ދެވަނާގައި އޮތް ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބަށާއި ތިންވަނާގައި އޮތް މާއްޓޭ ސްޕޯޓްސް އަށް ލިބިފައި ވަނީ އެއް ޕޮއިންޓެވެ. މި ގްރޫޕް ފުލުގައި މިވަގުތު އޮތީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއެވެ.
މި މުބާރާތުގައި މިއަދު ހަވީރު ބައްދަލުކުރާނީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާ ޓީމާއި ނޮޅިވަރަންފަރު ސްޕޯޓްސް ކުލަބެވެ. މުބާރާތުގައި ކުރިއަށް ދާން ބޭނުންނަމަ ހަނިމާދޫއަށް މި މެޗުން މޮޅުވުން މަޖުބޫރެވެ. މުބާރާތުގެ ސެމީން ޖާގަ ކަށަވަރު ކުރުމަށް ނޮޅިވަރަންފަރަށް ވެސް މި މެޗުގެ މުހިންމުކަން ބޮޑެވެ.
އިއްޔެ ޒިގެޒެގާއި މާއްޓޭ ސްޕޯޓްސް ބައްދަލުކުރި މެޗުގައި ޒިގެޒެގް ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު އެ ޓީމުން ވަނީ ކޮންމެ ހާފެއްގައި ދެ ލަނޑު ޖަހާފައެވެ. ފުރަތަމަ ލަނޑު 30 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމްގެ ބިދޭސީ ކުޅުންތެރިޔާ ޕްރިންސް ލާބީ އެވެ. ދެވަނަ ލަނޑު 42 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އަބޫބަކުރު އާދަމް އެވެ.
ޒިގްޒެގްގެ ތިންވަނަ ލަނޑު 50 ވަނަ މިނެޓުގައި އިމްރާން މުޙައްމަދު ކާމިޔާބު ކޮށްދިން އިރު، އޭގެ ދެ މިނެޓް ފަހުން ހަތަރުވަނަ ލަނޑު ޖަހައިދިނީ ލާބީ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް ވެސް ހޮވުނީ އޭނާއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!