ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ "ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2023" ފުޓްބޯޅަ މުބާރާތުގެ ނައިވާދޫ ޓްރެއިނާސް ސްޕޯޓްސް ކުލަބާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓްސް ކުލަބް ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ.
ގްރޫޕް ބީގައި ނައިވާދޫ ޓްރެއިނާސްއާއި ކުޅުދުއްފުށީ ހިރަފުސް އިއްޔެ ހަވީރު ބައްދަލުކުރި މެޗު ނިމިގެން ގޮސްފައި ވަނީ 1-1 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރި ހޯދީ ހިރަފުހުންނެވެ. މެޗުގެ 33 ވަނަ މިނެޓުގައި ލަނޑުޖަހައި އެ ޓީމަށް ލީޑު ނަގައިދިނީ ހުސެއިން ޝަރީފެވެ. ފުރަތަމަ ހާފު ނިމިގެންދިޔައީ މި ނަތީޖާއިން ހިރަފުސް ކުރީގައި އޮވެގެންނެވެ. ނަމަވެސް ދެވަނަ ހާފު ފެށިތާ ފަސް މިނެޓްގެ ތެރޭ ނައިވާދޫ ޓީމްގެ މުހައްމަދު ރިޝާން ވަނީ ލަނޑުޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ ނައިވާދޫ އަށް ލަނޑުޖަހައިދީ މުޅި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި މުޙައްމަދު ރިޝާން އެވެ.
މި މުބާރާތުގައި މިއަދު ވެސް މެޗެއް ކުޅޭނެއެވެ. ބައްދަލުކުރާނީ ޒިގްޒެގް ފޯ ޔޫތު ލިންކޭޖާއި މާއްޓޭ ސްޕޯޓްސް އެވެ. މިއީ ގްރޫޕް އޭގެ މެޗެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!