ބަންޑާރަނައިބު އިބްރާޙީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ރައީސް މިއަދު ކުރިޔަށް ގެންގޮސްފައިވަނީ މަޖިލިސް ގަވާއިދާ ޚިލާފަށް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ.
އެ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީގެ ފަރާތުން ވާހަކަ ދައްކަވަމުން، ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބުދުﷲ ޝަފީގު ވިދާޅުވީ ނަޝީދު، މަޖިލީހުގެ ތަޅުން (މަޖިލިސް ފްލޯ) މިއަދު ކުރިޔަށް ގެންދަވަން މަސައްކަތް ކުރައްވާފައިވަނީ ސުވާލާއި ޖަވާބު ސެޝަނެއްގެ ގޮތުގައި ކަމަށެވެ.
އެހެންނަމަވެސް ވަޒީރެއްގެ ނޯ ކޮންފިޑެންސްގެ މައްސަލައަކީ ތުހުމަތުތަކުން ދިފާއުވުމަށް ވަޒީރަށް ފުރުސަތު ދީގެން ކުރިޔަށް ގެންދަންޖެހޭ ސެޝަނެއްކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ނިޒާމީ ނުކުތާތަކަށް ވެސް މިއަދު ފުރުސަތު ދެއްވަމުން ގެންދެވީ އިދިކޮޅު މެމްބަރުންނާއި ގުޅިގެންކަމުގެ ތުހުމަތު ވެސް ވަނީ ކުރައްވާފައެވެ.
މީގެ އިތުރުން މަޖިލިހުގެ ރައީސްގެ މަގާމުން ނަޝީދު ދުރުކުރުމަށް ވިސްނަމުންދާ ކަމަށް ވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ވަނީ ބުނެފައެވެ.
ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލިސް ފްލޯގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ބައެއް މެމްބަރުންވަނީ ނަޝީދު އެމްޑީޕީން ވަކިވާތަނުން، ނައިބު ރައީސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދިގޮތަށް ނަޝީދުގެ މައްސަލަވެސް މަޖިލީހަށް ވައްދާނެކަމުގެ އިންޒާރު ދީފައެވެ.
ޗާގޯސް މައްސަލައިގާ ރައީސް ޞާލިޙް، މޮރިޝަސްއަށް ފޮނުއްވިކަމަށް ބުނާ ސިޓީފުޅުގެ މައްސަލައިގާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ރައްޔިތުންގެ މަޖިލިހަށް ޖަވާބުދާރީވުމަށް، ހާޒިރު ކުރުމުން ބަންޑާރަނައިބު ވިދާޅުވެފައިވަނީ ރާއްޖެއާއި މޮރިޝަސްގެ ކަނޑުން ފުށުއަރާ ބައި "އިކުއި ޑިސްޓޭންސް"ގެ އުސޫލުން ބެހުމަށް އިޓްލޮސްގެ ފަނޑިޔާރުން ކުރި ހުކުމްގައި، މައްސަލަ ސާބިތުކުރުމަށް، މައްސަލައިގެ އެއްވެސް ހިސާބެއްގައި ކިތާބީ ހެއްކެއްގެ ގޮތުގައި ރައީސް ސާލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީ ހިމަނާފައި ނުވާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!