ދަ ޑިމޮކްރެޓްސް ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމުތައް ހާމަދަމާ އިލެކްޝަން ކޮމިޝަން (އީސީ) އަށް ހުށަހަޅަން ނިންމައިފިއެވެ.
"ދަ ޑިމޮކްރެޓްސް" އަކީ ދިވެހިރައްޔިތުންގެ ޑިމޮކްރަޓީ ޕާޓީ (އެމްޑީޕީ)ގެ ރައީސް މުހައްމަދު ނަޝީދުގެ އެންމެ އަރިސްބޭފުޅުން އިސްވެ ތިއްބަވާ އުފައްދާ ސިޔާސީ ޕާޓީއެކެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ އިލެކްޝަން ކޮމިޝަން (އީސީ) އިން ދިނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފްގެ ނަމުގައި އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އެދި ހުށަހެޅުމުން އީސީއިން އެދުވަހު ވަނީ 3 މަސް ދުވަހުގެ ތެރޭގައި އެ ޕާޓީ އުފެއްދުމަށް ބޭނުންވާ 3000 މެންބަރުންގެ ސޮއި ހަމަކޮށް އެ ޕާޓީ އުފެއްދުމުގެ މަސައްކަތްތަކުގެ އިޖުރާއަތްތައް ފުރިހަމަކުރުމަށް ހުއްދަ ދީފައެވެ.
އެ މަސައްކަތް އެރޭ ފަށާފައިވާއިރު، މާދަމާ ހެނދުނު ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ މެންބަރޝިޕް ފޯމު ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަނަށް ދާން ހަމަޖެހިފައިވާކަމަށް ދަ ޑިމޮކްރެޓްސްއިން ބުނެފަވެއެވެ.
’’އެންމެ ލަސްވެގެން މިރޭ 11:00 އަށް ހުރިހާ ފަރާތަކުންވެސް ގ.ބޮޑުފެންވަޅުގެޔަށް ފޯމުތައް ގެނެސްދެއްވުން އެދެން.’’ ދަ ޑިމޮކްރެޓްސް ބުނެފަވެއެވެ.
"ދަ ޑިމޮކްރެޓްސް"ގެ ނަމުގައި ސިޔާސީ ޕާޓީ ރަޖިސްޓްރީކުރުމުގެ ހުއްދައަށް އެދި އީސީއަށް ހުށަހެޅީ 21 މޭ 2023 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!