މަނަދޫ ނައީމާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

n. manadhoo

ނ. މަނަދޫ ނައީމާ މޫސާ މަރާލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަނަދޫ ނައީމާ މަރާލި މައްސަލައިގެ ތަހްޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށެވެ.

‘’މި މައްސަލާގައި ތުހުމަތުކުރެވޭ ދެމީހަކު ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު އެބަތިބި. މައްސަލައިގެ ތަޙްޤީޤަށް މުހިންމު ހެކިތަކެއް ހުރިކަމަށް ބެލެވޭ ތަނެއް ފުލުހުން ބަލާ ފާސްކުރަމުން އެބަދޭ.’’ ސީޕީ ވިދާޅުވެފަވެއެވެ.

މަރުގެ މައްސަލަ ތަޙްޤީޤު ކުރުމުގެ ތަޖުތިބާކާރު، އިންސްޕެކްޓަރ މުހައްމަދު ސާމިހް އިސްކޮށް ހުރެ މާލެއިން ދިޔަ ޓީމާއި ނ. އަތޮޅުގެ ފުލުހުން، މިމަރުގެ ހަޤީޤަތް ހޯދާ އިންސާފު ޤާއިމްކުރުމަށް ކުރަމުންދާ ބުރަ މަސައްކަތް ފަޚްރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

އުމުރުން 62 އަހަރުގެ ނައީމާ ނިޔާވެފައި އޮއްވާ ފެނުނީ އޭނާގެ ޚަބަރެއް ނުވެގެން އޭޕްރިލް 7 ވަނަ ދުވަހުގެ އިރުއޮއްސި 6:13 ހާއިރު އޭނާގެ އާއިލާއިން ފުލުހުންނަށް ރިިޕޯޓުކުރުމުން، ނައީމާގެ ގެއަށް ގޮސް ކޮޓަރީގެ ދޮރު ވައްޓާލައިގެން ބެލި ބެލުމުންނެވެ. އޭރު އޭނާ އޮތީ ބިންމަތީގައި ނިޔާވެފައި ކަމަށް ފުލުހުން ވަނީ އޭޕްރިލް 8 ދުވަހު ބުނެފައެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *