ހދ. މަކުނުދޫގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމާފައިވާ އެއާޕޯޓު މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކުރިއަށް އޮތް އެއް މަސްދުވަހުގެ ތެރޭގައި ކަނޑައަޅުއްވާނެ ކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިގެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަކުނުދޫ ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު ރާއީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުންނެވެ.
މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ފެށާނެ ތާރީޚަކާއި ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ކުރުމަށް ބަޔަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އަދި އެފަރާތާއެކު ކޮންޓްރެކްޓް ފައިނަލް ކުރުމުގެ މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވި އެފަރާތުން ބިޑް ކުރިއިރު ހުށަނާޅާ ކަންކަން މިހާރު ހުށަހަޅާފައިވާ ކަމަށާއި އެކަންކަމަށް އެ މިނިސްޓްރީން މުޅިން އެއްބަސް ނުވާ ކަމަށެވެ.
ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، ކަލެކްޓް ކުރި ފަންޑުން ކުރަން ރާފައިވާ މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ހަވާލުކުރާނީ، އެކަން ކުރާނެ ބަޔަކާއެކު ވާހަކަދައްކާ މަޝްވަރާކޮށް އަދި މަޝްރޫއު ހަވާލުކުރާނެ ބަޔަކު ކަނޑައެޅުމުން ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.
މި މަޝްރޫއަށް 23.3 މިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.
މަކުނުދޫ އެއާޕޯޓުގެ އިތުރުން ހަ ރަށެއްގައި އެއާޕޯޓު އަޅަން ސަރުކާރުން އިއުލާނު ކޮށްފައިވާއިރު، މި ރަށްތަކުގައި އެއާޕޯޓް އަޅަން މިދިޔަ ޑިސެމްބަރު މަހު، ދެކުނު ދުނި އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެކު ވެސް ފައިނޭންސިން އެއްބަސްވުމެއް ވަނީ ހަދާފައެވެ. އިތުރު ކުންފުންޏަކާއެކު ފައިނޭންސް ހޯދުމަށް ޕްލޭނިން މިނިސްޓްރީން އެއްބަސްވުން ހެދިއިރު، މި ދެ ކުންފުނިން ފައިނޭންސް ހޯދާނެ ރަށްތަކެއް ސަރުކާރުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ސަރުކާރުން ވަނީ މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް ހިނގާނެ ޚަރަދުތައް ލަފާކޮށްފައެވެ. އެގޮތުން ބިލެތްފަހި އެއާޕޯޓަށް 23.6 މިލިއަން ޑޮލަރު، ތުޅާދޫ އެއާޕޯޓަށް 21.9 މިލިއަން ޑޮލަރު، ވިލުފުށި އެއާޕޯޓަށް 33.3 މިލިއަން ޑޮލަރު އަދި މަގޫދޫ އެއާޕޯޓަށް 8.2 މިލިއަން ޑޮލަރުގެ އިތުރުން ރ. އަތޮޅު ދެކުނު ބިތުގައި އަޅާ އެއާޕޯޓަށް 23.6 މިލިއަން ޑޮލަރުގެ ޚަރަދުވާނޭކަމަށް ސަރުކާރުން ލަފާކުރެއެވެ.
ރައީސް ސާލިހު މީގެކުރިން ވިދާލުވެފައިވަނީ، މަކުނުދޫ އެއާޕޯޓު އަޅަން ފައިސާ ހޯދައި، ކުރިއަށް އޮތީ މަސައްކަތް ފެށުން ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!