ހދ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "މިޑްލް ސްޕޯޓްސް ކްލަބް އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ގެ ގުރުއަތު ލައިފިއެވެ.

މި މުބާރާތުގެ ގުރުއަތުލުން ރޭ ބާއްވާފައި ވަނީ ދިއްދޫ ސިޓީ ކިއު ރެސްޓޯރެންޓްގައެވެ. މި މުބާރާތުގައި ބައިވެރިވެފައި ވަނީ ހަ ޓީމަކުންނެވެ. އެ ޓީމްތަކަކީ ދިއްދޫ ކައުންސިލް، ރޯޑް ރިކްރިއޭޝަން ކްލަބް، ދިއްދޫ ޕޮލިސް ކްލަބް، ހއ އަތޮޅު ހޮސްޕިޓަލް، ފެނަކަ އަދި ތިލައުތުރު ރިކްރިއޭޝަބް ކްލަބެވެ.

Ad
rt

މި މުބާރާތް ފަށަން ތާވަލު ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ. ނަމަވެސް މުބާރާތް ފެށުމުގެ ކުރިން ކުޅޭ ކޮމިއުނިޓީ ޝީލްޑް މެޗް ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހު ހަވީރުއެވެ. ޝީލްޑް މެޗުގައި ބައްދަލުކުރާނީ ފާއިތުވި އަހަރު މި މުބާރާތުގެ ޗެމްޕިއަން ފެނަކައާއި ދިއްދޫ ޕޮލިސް ކްލަބެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި މި މަހުގެ 25 ވަނަ ދުވަހުގެ 16:00 ގައި ބައްދަލުކުރާނީ ދިއްދޫ ކައުންސިލާއި ދިއްދޫ ޕޮލިސް ކްލަބެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ ބައިވެރިވި ހަ ޓީމް ދެ ގްރޫޕަކަށް ބަހާލުމަށް ފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ޖާގަ ލިބޭ ގޮތަށެވެ. އެއަށްފަހު ސެމީ ފައިނަލް މެޗުން މޮޅުވާ ދެ ޓީމަށް ފައިނަލުން ޖާގަ ލިބިގެންދާނެއެވެ. ފައިނަލް މެޗު ކުޅުމަށް ތާވަލު ކޮށްފައި ވަނީ މި މަހު 30 ވަނަ ދުވަހު ހަވީރުއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.

މި މުބާރާތުގެ ސްޕޮންސަރުންގެ ތެރޭގައި ހިމެނެނީ ބީއެމްއެލް، ސްވިފްޓް ލޮޖިސްޓިކްސް، އުދަރެސް އިން، އިންކް ބްލިންކް، ރިޕެއާ ޕޮއިންޓް، ބީއޭ ވަޑާން، އަލްވާ މާޓް، ސިޓީ ކިއު ރެސްޓޯރެންޓްސް އޭއެންސީ ބޭކަރީ، ކައިވެނީގެ ރަން، އަދި ދިއްގާ ފައުންޑޭޝަން އެވެ. މި މުބާރާތުގެ މީޑިއާ ޕާޓްނަރުންނަކީ ތިލަދުން އާއި ދިއްދޫ އޮންލައިން އެވެ.