ހއ. ދިއްދޫ އަށްސޭރި ބިމުގައިހުރި ނިކަ ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިއްޖެއެވެ.
ގާތްގަޑަކަށް 300 ނުވަތަ 400 އަހަރުވެފައިވާ މި ގަހަކީ އެރަށު ސްކޫލު ބިމެއްގައި ހުރި ގަހެކެވެ. އަދި މި ގަހުން އޮފިގަނޑެއް އަނެއްކާ ވެސް ވެއްޓިފައި މިވަނީ އިއްޔެގެ ވަގުތެއްގައެވެ.
މިކަމުގެ މައުލޫމާތު ދެއްވަމުން ހއ. އަތޮޅު ކައުންސިލްގެ ރައީސް މުސާ ޝަފީގު 'ތިލަދުން' އަށް ވިދާޅުވީ މިއީ އެގަހުން އޮފިގަނޑެއް ވެއްޓުނު ދެވަނަ ފަހަރު ކަމަށާއި ގަހަކީ ވަރަށް ޒަމާން ވެފައިވާ ގަހެއް ކަމަށެވެ.
އެހެންނަމަވެސް ކުރިންވެސް އަދި މިފަހަރު ވެސް އޮފިގަނޑު ވެއްޓިފައިވާއިރު، ގަހުގެ ބުޑުގައި އަލިފާން ހުރިކަން އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.
"އަޅުގަނޑުމެން ގެއާ މާދުރުނޫން ހިސާބެއްގަ އެ ގަސް ހުންނަނީ. އެއީ ސްކޫލުގެ ބިމެއްގަ ހުރި ގަހެއް. ކުރިން އޮފިގަނޑު ވެއްޓުނު އިރު ގަހުގެ ބުޑުގައި އަލިފާން ހުރި. މިފަހަރު ވެސް ހުރި. އެކަމަކު އަޅުގަނޑު ނުބުނަން އެއީ މީހަކު ނުވަތަ ބަޔަކު ގަސްދުގައި ކުރި ކަމެކޭ. އެއީ ފެނިފަ ނެތީމަ." ޝަފީގު ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ އެ ގަހުގެ އޮފިގަނޑު ފުރަތަމަ ފަހަރު ވެއްޓުމުން ވެސް އެކަން ތަންކޮޅެއް ގާތުން ބަލައިދިނުމަށް ސްކޫލުގައި އެދިފައިވާނެ ކަމަށެވެ. އެއީ ސްކޫލުގެ ބިމެއްގައި ހުރި ގަހަކަށްވާތީ، އެކަން ބަލަން ފަސޭހަވާނީ ސްކޫލަށް ކަމަށްވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ދިއްދޫ އަށް ނިސްބަތްވާ މަޝްހޫރު '' އަސްލު ޓިންޓިން ލައިވް'' އިން ވަނީ މި ގަހުގެ ގޮފިގަނޑު ވެއްޓިފައިވާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި އާންމުކޮށްފައެވެ. އެ ވޯޑިއޯގައި އޭނާ ބުނެފައިވަނީ ގަސް ވައްޓާލުމަށް ނުވަތަ ނައްތާލުމަށް ގަހުގެ ބުޑުގައި އަލިފާން ރޯކޮށް، ޒަމާންތަކަކަށް ފަހު އެކަން ކާމިޔާބުކޮށްފައި ކަމަށެވެ.
ހަލާކުވެގެން އުކާލުމަށް ބަހައްޓާފައިވާ ދޮންނަމެޝިން ފަދަ ތަކެތި އެ ގަސްދޮށުގައި ބަހައްޓައި، ޕެޓްރޯލު ފަދަ އަޅައި ރޯކޮށްފައިވާކަން ފާހަގަކޮށް ބުނެފައިވަނީ މިއީ އާންމުކޮށް އެރަށުގައި ހިނގާ ކަމެއް ކަމަށެވެ. އެގޮތުން އެރަށު ހުކުރު މިސްކިތާއި އެހެނިހެން މިސްކިތްތަކުގައި ހުންނަ ގަސްތައް ކަނޑާއުކާލަނީ އެގަސްތަކުން ފައިބާ ފަތް ނަގަން މަސައްކަތު މީހުންނަށް އުނދަގޫވާތީ ކަމަށް ވެސް އެ ވީޑިއޯ ގައި ބުނެފައި ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!