ކޮންމެ މީހަކުވެސް ސިޔާސީ މަސައްކަތް ކުރާނީ އެމީހެއްގެ ކުރިއެރުމަށް ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެެވެ.

އޭނާ މިހެން ވިދާޅުވެފައި މިވަނީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އެތެރޭގައި ޚިޔާޅުތަފާތުވުން އުފެދި، ރައީސް ނަޝީދު އިސްވެހުންނަވައި ސިޔާސީ ޕާޓީއެއް އުފައްދަވަން އުޅުއްވާކަމުގެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

Ad
rt

ރާއްޖެގައި އުފެދުނު ސިޔާސީ ޕާޓީތައް ބައިބައިވެގެން ދިޔަ ގޮތަށް އަލިއަޅުވައިލައްވައި، މައުރޫފް ވިދާޅުވީ އެހެން އެދިމާވަނީ ރާއްޖޭގެ ރައީސްކަމުގެ މަގާމު ބޭނުންވެގެން، ނުވަތަ މަޖިލިސް މެމްބަރަކަން ހޯދުން ނުވަަތަ މިނިސްޓަރުކަން ހޯދުމަށް ކަމަށް ވެދާނެ ކަަމަށެވެ.

ކުރީގެ ރައީސް މައުމޫން އުފައްދައިގެން އުޅުއްވި ޑީއާރްޕީ ބައިބައިވެގެން ދިޔަކަމަށާއި ހަމައެމަނިކުފާނު އުފެއްދެވި ޕީޕީއެމް ޕީޕީއެމް ވެސް ބައިބައިވެގެން ދިޔަކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އެކަން އެގޮތަށް ދިމަވިޔަސް، އެމްޑީޕީ ބައިބައިވެގެން ހިނގައިދާނެކަމަށް އުއްމީދު ނުކުރައްވާ ކަމަށާއި އެކަމަކު މިއީ ސިޔާސީ ހަގީގަތްކަމަށް މައުރޫފް ވިދާޅުވިއެވެ. އަދި މިއީ ސިޔާސީ ތަބީއަތް ކަމަށް ވެސް ވިދާޅުވިއެވެ.

ހަމަމިއާއެކު ޕީޕީއެމްގެ މިސްރާބު ހުރީ އަނދިރި ދިމާއަކަށް ކަމަށާއި އެގޮތުގައި ކުރިއަށްދާނަމަ އެ ޕާޓީ ވުޖޫދުން ފޮހެވުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް މައުރޫފު ވިދާޅުވިއެވެ.