މުއުމިނުންގެ އެންމެ އަސާސީ އެއް ސިފައަކީ ތެދުވެރިކަމެވެ. ތެދުވެރިކަން ނެތް މީހަކީ ފުރިހަމަ މުއުމިނެއް ކަމުގައެއް ނުވެއެވެ.
މާތް ﷲ ކީރިތި ޤުރުއާނުގައި މުއުމިނުންނަށް އަމުރުކުރައްވައިފައިވަނީ، ތެދުވެރީންނާ އެކުގައި ވުމަށެވެ.
يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ وَكُونُوا مَعَ الصَّادِقِينَ (التوبة: 119)
މާނައީ: " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް ތަޤްވާވެރިވާށެވެ! އަދި ތެދުވެރިންނާ އެކުގައި، ތިޔަބައިމީހުން ވާށެވެ!"
މާތް ނަބިއްޔާ صلى الله عليه وسلم ޙަދީޘްކުރައްވައިފައިވެއެވެ. إنَّ الصدق يهدي إلى البرِّ، وإنَّ البرَّ يهدي إلى الجنة، وإنَّ الرجل ليصدق حتى يكون صِدِّيقًا، وإنَّ الكذب يهدي إلى الفجور، وإنَّ الفجور يهدي إلى النار، وإنَّ الرجل ليكذب حتى يكتب عند الله كذَّابًا (متفق عليه)
މާނައީ: "ހަމަކަށަވަރުން، ތެދުވެރިކަމުން ހެޔޮކަމަށް މަގުދައްކައެވެ. އަދި ހެޔޮކަމުން ސުވަރުގެއަށް މަގުދައްކައެވެ. އިންސާނާ ތެދުވެރިވުމުގައި ހުރެއްޖެއްޔާ، އޭނާއަކީ ތެދުވެރިއެއްގެ ގޮތުގައި ލިޔެވިގެންދެއެވެ. އަދި ހަމަކަށަވަރުން، ދޮގުވެރިކަމުން ފާފަތަކަށް މަގުދައްކައެވެ. އަދި ފާފަތަކުން މަގުދައްކަނީ ނަރަކައަށެވެ. އަދި އިންސާނާ ދޮގުހެދުމުގައި ހުރެއްޖެއްޔާ، އޭނާއަކީ ދޮގުވެރިއެއްގެ ގޮތުގައި ލިޔެވިގެންދެއެވެ."
އިންސާނާގެ ދުލުން ބުނެލާ އެންމެ ބަހެއްގެ ސަބަބުން ނަރަކައަށް ވެސް ހިނގައިދާނެއެވެ. އަދި ބުނެލާ އެންމެ ބަހެއްގެ ސަބަބުން ސުވަރުގެއަށް ވެސް ހިނގައިދާނެއެވެ. ބަސްމަގާ މެދު ސަމާލުވާން ޖެހެނީ އެހެންވެއެވެ. ތިމާއަށް ތެދުދޮގު ކަށަވަރު ނުވާ ޚަބަރުތައް ފެތުރުމުން ދުރުވާން ޖެހޭނެއެވެ. އިސްލާމްދީނުގައި އެކަން ވަނީ އިންތިހާ ދަރަޖައަށް މަނާކުރައްވައިފައެވެ.
މިއަދު އަޅުގަނޑުމެންގެ ތެރޭގައި ތެދުވެރިކަން ނެތިއްޖެއެވެ. ދޮގުވެރިކަން ފެތުރިއްޖެއެވެ. މަކަރުހެދުމާއި އޮޅުވައިލުން ގިނަވެއްޖެއެވެ. އިސްލާމީ މުޖުތަމަޢެއްގައި ފެނުން އެކަށީގެން ނުވާ ކަންކަން ފެންނާން ފަށައިފިއެވެ. މުއުމިނެއްގައި ގައިގައި ހުންނާންޖެހޭ އަސާސީ ސިފަތައް އެއީ އެންމެ ބީރައްޓެހި ސިފަތަކަށް ވާން ފަށައިފިއެވެ.
މި ކަންކަން މިހެން ވުމުގައި ގިނަގުނަ ސަބަބުތަކެއް ހުންނާނެކަން ކަށަވަރެވެ. އެންމެ ބޮޑު ސަބަބެއް ކަމަށް ފެންނަނީ، ދީނާ ދުރުވުމެވެ. މާއްދިއްޔަތަށް އަޅުގަނޑުމެން ގޮސް ހުސްވުމެވެ. އާޚިރަތް އަންނާނެކަން ހިތުން ގަބޫލުކުރިޔަސް، އެކަން ޢަމަލީގޮތުން ގަބޫލުނުކުރާ ފަދަ ބަޔަކަށް ވުމެވެ. ހަނދާންނެތި ޣާފިލުވެފައިވުމެވެ. އިސްލާމީ ތަރުބިއްޔަތާއި އަޚްލާޤިއްޔަތުން އެނގެންޖެހޭ މިންވަރު އެނގިފައި ނުވުމެވެ. ތަރުބިއްޔަތުގައި ފަރުވާކުޑަކުރެވިފައިވުމެވެ.
ސިޔާސީގޮތުން މުޖުތަމަޢުގައި އުފެދިފައިވާ ބައިބައިވުމަކީ ވެސް މިކަމުގެ ވަރަށް ބޮޑު ސަބަބެކެވެ. ޙައްޤެއް ބާޠިލެއް ބެލުމެއް ނެތި، ތިމާ ނިސްބަތްވާ ޕާޓީއަށާއި، ތިމާ ތާއީދުކުރާ ވެރީންނަށް ތާއީދުކުރުމުގައި ކަނުވަނީއެވެ. އެ ވެރީންގެ ޙައްޤުގައި ދީނާއި އަޚްލާޤާއި ތެދުވެރިކަމާއި މުރުއްވަތްތެރިކަން ވެސް ކަފުންކޮށް ވަޅުލެވެނީއެވެ. އިސްލާމްދީން މަނާކުރައްވައިފައިވާ ޖާހިލިއްޔަތުގެ ފުޅައަޅައިފައިވާ ޢަޞަބިއްޔަތަށް ޖާގަދެވެނީއެވެ. އިސްލާމްކަމާއި އީމާންކަމާއި އިޙްސާންކަމަކީ ކޮބައިކަން ދެނެގަނެ، އެ މަގުން ކުރިއަރައި ދާން ބޭނުން ނުވަނީއެވެ. ލައްޒަތާއި މަލައްޒަތާއި ވަގުތީ މާއްދީ އުފާވެރިކަމަށް އިސްކަން ދެވެނީއެވެ.
މާތް ﷲގެ ދީނަށް އަޅުގަނޑުމެން މި ވަނީ ރުޖޫޢަވާން ޖެހިފައެވެ. ފަރުދީގޮތުންނާއި ޖަމާޢީގޮތުން ވެސް މެއެވެ. އެހެން ނޫނީ، އަޅުގަނޑުމެންނަކީ މުއުމިނުންކަމުގެ ދަޢުވާ ކުރިޔެއް ކަމަކު، ފުރިހަމަ މުއުމިނުން ކަމުގައެއް ނުވާނެއެވެ. ހިސާބުކިތާބުގެ ދުވަހުގައި ހިތާމަކުރާންޖެހޭ ބަޔަކަށް ވެގެން ހިނގައިދާނެއެވެ.