ހއ. އިހަވަންދޫގައި ކުރިއަށް ގެންދިޔަ ރުކުގެ ފަނުން އުފެއްދުންތެރި ތަކެތި ވިޔަން ދަސްކޮށްދޭ ޕްރޮގްރާމް ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.
މިއީ އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން އިސްނަގައިގެން އެ ރަށު ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.
ޖުމްލަ 29 ބައިވެރިންނާއި އެކު މި ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ.
މި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ނިންމާލައި، ޕްރޮގްރާމް ފުރިހަމަ ކުރި 29 ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްފައި ވަނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެ ކަމަށްޓަކައި ބޭއްވި ހާއްސަ ހަފްލާއެއްގައެވެ.
މި ޕްރޮގްރާމްގެ ބައިވެރިން ވަނީ ފަނުން މަލާއި މައު ބޮނޑިއާއި ތަފާތު ދިރޭ ސޫފިފަދަ ތަކެތި ހަދަން ދަސްކޮށްފައެވެ. އިހަވަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވާ ގޮތުގައި ފަނުން ތަކެތި ވިޔުމުގެ އިތުރު ޕްރޮގްރާމެއް ކުރިއަށް އޮތްތާގައި އެރަށުގައި ބޭއްވުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!