ށ. ފޯކައިދޫގައި ބޮޑެތި މީހުންނަށް ޚާއްސަކޮށްގެން ޤުރްއާން އަދި އިނގިރޭސި ކްލާސްތަކެއް ބާއްވަން ނިންމައިފިއެވެ.

އެ ކައުންސިލުގެ މެމްބަރު ސަދާ ޝަހީމް 'ތިލަދުން' އަށް ވިދާޅުވީ މި ކްލާސްތައް ބޭއްވުމަށް ނިންމާފައިވަނީ އޯގަސްޓު މަހު ކަމަށެވެ. ނަމަވެސް ކްލާސްތައް ބާއްވާނެ ވަކި ތާރީޚެއް އަދިނުނިންމާ ކަމަށެވެ.

Ad
rt

ބައިވެރިވުން މުޅިން ހިލޭ އޮތް މި ކްލާސްތަކުގައި ކިޔަވައިދެއްވާނީ ރަށުގައި ތިބި، އެކަމުގެ ފަންނީ ބޭފުޅުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި މި ކްލާސްތައް ފަށާނީ ކޮންމެ ކްލާހެއްގައި ވެސް މަދުވެގެން 20 މީހުން ބައިވެރިވެފައިވާނަމަ ކަމަށް ވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ކްލާސްތައް ބާއްވާނީ މަދުވެގެން 20 މީހުން ބައިވެރިވާނަމަ. އެއަށްވުރެ ގިނަވެއްޖެ ނަމަ، ބެޗުތަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ނިންމާފަ އޮތީ." ސަދާ ވިދާޅުވިއެވެ.

މީގެ އިތުރުން އޭނާ ވިދާޅުވި މިއީ ހަމައެކަނި އެ ރަށުގެ ރައްޔިތުންނަށް، ރަށުގައި ބާއްވާ ކްލާސްތަކެއް ކަމަށްވާތީ، އޮންލައިންކޮށް ބައިވެރިނުވެވޭނެ ކަމަށެވެ.

މިއީ ފޯކައިދޫގައި ބާއްވާ މިފަދަ ފުރަތަމަ ކްލާސްތައް ކަމަށް ވެސް ސަދާ ވިދާޅުވިއެވެ.