ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފިޔަވަޅު އަޅާ ކޮމިޓީން އެ ޕާޓީގެ ޕާލަމެންޓަރީ ގްރޫޕްގައި ހިމެނޭ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް ނިންމައިފިއެވެ.

އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް ނިންމާފައި ވަނީ އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ހުށަހެޅި މައްސަލަ ބެލުމަށް ފަހުގައި ކަމަށް އިނގިފައިވެއެވެ.

Ad
rt

އާޒިމް އެމްޑީޕީން ވަކިކޮށްފިކަމަށް އޮންލައިން ނޫހަކުން ގެނެސްދީފައިވާ ޚަބަރު ރައްޔިތުންގެ މަޖިލިސްގެ މެންބަރަކު ވަނީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕަށް ފޮނުވާފައެވެ. އެ ޚަބަރުގެ ލިންކް އެ ގްރޫޕަށް ލުމުން އާޒިމް ވަނީ ''ٱلْحَمْدُ لِلَّٰهِ'' ވިދާޅުވެ، އެ ގްރޫޕަށް މެސެޖެއް ފޮނުއްވާފައެވެ.

މައުލޫމާތުލިބޭގޮތުގައި އާޒިމަށް ފިޔަވަޅެއް އަޅަން ނިންމިކަން އެމްޑީޕީން އަދި އޭނާއަށް އަންގާފައެއް ނުވެއެވެ.

އިނގިފައިވާގޮތުގައި އާޒިމް ވަކިކުރަން ނިންމައި، އެކަން ތަންފީޒުކުރަން ޕާޓީގެ ސެކްރެޓޭރިއަޓަށް އެންގުށް އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމެޓީން ނިންމީ ޗާގޯސް މައްސަލާގައި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި އޭނާ ސޮއި ކުރެއްވުމާއި އަދި އެ މައްސަލާގައި ސަރުކާރުގެ ސްޓޭންޑާ އިދިކޮޅަށް މަސައްކަތްކުރާ އިއްތިހާދުގެ ނޫސް ކޮންފަރެންސްގައި އޭނާ ބައިވެރިވެވަޑައިގަތުމުން އެ މައްސަލަ ބަލައިދޭން އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދުމުން އެކަން ބެލުމަށްފަހުގައެވެ.

މިކަމާއި ގުޅިގެން އެމްޑީޕީގެ ނައިބް ރައީސް މުޙައްމަދު ޝިފާޒު (ޝިއްޕެ) ވިދާޅުވީ އެކަން އޭނާ އަށް އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.

އެހެންނަމަވެސް އެ ޕާޓީގެ އަސާސީ ގަވާއިދުން އެފަދަ ކަންކަން ކުރުމަށް މަތިކޮށްފައި އޮންނަނީ އޭނާއަށް ކަމަށާއިި އެފަދަ ޖަލްސާތައް ނުވަތަ ބައްދަލުވުންތައް ރާވައި، އެޖެންޑާކޮށް ހިންގާނީ ވެސް އޭނާ ކަމަށެވެ.

"އަޅުގަނޑަށް ވެސް ބައެއް ފަރާތްތަކުން އެބަ މައުލޫމާތު ދޭ އާޒިމް ޕާޓީން ވަކިކުރިކަމަށް. އެކަމަކު އެކަންކަމަކީ އަޅުގަނޑު ކުރަން ޖެހޭ ކަންކަން. އެޖެންޑާކޮށް، ޖަލްސާ ބާއްވާ މި ހުރިހާ ކަމެއް ވެސް އަޅުގަނޑު ކުރަންޖެހޭނީ. އެއީ އަސާސީ ގަވާއިދުން އެކަން މަތިކޮށްފައި އޮންނަނީ އަޅުގަނޑަށް. އެކަމަކު އެކަން ނިންމި ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި އަޅުގަނޑަކަށް ނޭނގެ." ޝިފާޒު ވިދާޅުވިއެވެ.

ރައީސް އޮފީހުގެ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޝިފާޒު ވިދާޅުވީ އެފަދަ ކަމެއް އޭނާއަށް ނާންގާ އެމްޑީޕީ އިން ކުރާނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.