ށ. ފޯކައިދޫ ޞިއްޙީ މަރުކަޒުގެ ވަށާފާރު ރޭނުމާއި، އެރަށު ޞިއްޙީ މަރުކަޒުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް މިއަދު ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން މި މަސައްކަތްތައް ހަވާލުކޮށްފައި ވަނީ މީހާފް ކޮންސްޓްރަކްޝަން އިންވެސްޓްމަންޓާ އެވެ.
މި މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ސޮއިކުރަން ބޭއްވި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލިސްގައި ފޯކައިދޫ ތަމްސީލް ކުރައްވާ، ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު (ރާޑޯ) ވެސް ބައިވެރިވިއެވެ.
މި މަސައްކަތުގެ ޖުމްލަ އަގަކީ 791,150.41 ރުފިޔާ (ހަތްލައްކަ ނުވަދިހަ އެއްހާސް އެއްސަތޭކަ ފަންސާސް ރުފިޔާ ސާޅީސް އެއްލާރި) އެވެ.
ނުވަ ދިހަ ދުވަހުގެ ތެރޭގައި ނިންމާގޮތައް ހަވާލުކުރި މި މަސައްކަތާއިގުޅޭގޮތުން ފޯކައިދޫ ކައުންސިލުން ވިދާޅުވެފައި ވަނީ، ސަރުކާރުން ސިއްހީ ދާއިރާ ކުރިއެރުވުމަށް ކޮށްދެއްވާ މަސައްކަތައް އުފަލާއެކު ބަލައިގަނެ ޝުކުރު އަދާކުރާ ކަމަށެވެ.
''ފޯކައިދޫ ސިއްހީ މަރުކަޒުގެ އެކްސްޓެންޝަންގެ މަސައްކަތްވެސް ވަނީ ނިންމާ ބޭނުން ކުރަން ފެށިފައި. އަދި ޒަމާނީ ޕެރަމެޑިކް އެމްބިއުލާންސެއް ގެނެވި ދަނީ ބޭނުން ކުރެވެމުން.'' ފޯކައިދޫ ކައުންސިލުން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާ މުވައްޒަފުންގެ މުސާރައަށް ގެނެސްދެއްވި ހެޔޮ ބަދަލުގެ އިތުރުން ވެސް ގިނަ ކަންތައްތަކެއް ސިއްހީ ދާއިރާއިން ވެސް އެ ރަށަށް ސަރުކާރުން ކޮށްދެއްވާފައިވާކަން އެރަށު ކައުންސިލުން ފާހަގަކުރައްވާފަވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!