ހދ. ކުރިނބީ މަސްޖިދު އީސާ ކަލޭފާނު (ހުކުރު މިސްކިތް) ގައި ނެވިލޯން އަޅަން ފަށައިފިއެވެ.
މި މަސައްކަތް ކުރަމުން ދަނީ އެރަށު ޖަމިއްޔާއެއް ކަމަށްވާ ކުރިނބީ ޔޫތް މޫވްމެންޓްގެ އިސްނެގުމާއެކު ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކުއެވެ.
މިކަމާއި ގުޅިގެން ކުރިނބީ ޔޫތް މޫވްމެންޓުގެ ރައީސް އާދަމް ޝަޒީމް 'ތިލަދުން' އަށް ވިދާޅުވީ މި މަސައްކަތް ކުރަނީ މިކަމަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވައިލި ފަންޑަށް ލިބުނު ފައިސާ އިން ކަމަށެވެ. އަދި މިއީ އެ ޖަމިއްޔާގެ ހިންގާ ކޮމެޓީން ނިންމައިގެން ހުޅުވާލި ފަންޑެއް ކަމަށެވެ.
ޝަޒީމް ވިދާޅުވީ ޑޮނޭޝަން (ފައިސާ) ހޯދުމަށް ހުޅުވައިލީ ކޯޓޭޝަނެއް ހޯދުމަށްފަހު، ކައުންސިލާއި ރައްޔިތުންނާ ވެސް މަޝްވަރާ ކުރުމަށްފަހު، އެ ކޯޓޭޝަން އާންމުކޮށް ފެންނާނެހެން ބެހެއްޓުމަށްފަހު ކަމަށެވެ.
ކުރިނބީ ޔޫތު މޫވްމެންޓްގެ މެންބަރުން ނެވިލޯން އެޅުމުގެ މަސައްކަތުގައި، ފޮޓޯ: ޔޫތު މޫވްމަންޓް
އެ މަސައްކަތަށް ބޭނުންވަނީ 281،318.40 ރުފިޔާ ކަމަށާއި ފަންޑު ހޯދުމަށް ހުޅުވާލިތާ 10 ދުވަހުގެ ތެރޭގައި 290،654.16 ރުފިޔާ ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑުމެން ހިންގާ ކޮމެޓީން ނިންމީ މިރަށު މަސްޖިދު އީސާ ކަލޭފާނު މިސްކިތުގައި ނެވިލޯން އެޅުމަށް ބޭނުންވާ ފައިސާ ހޯދަން ޑޮނޭޝަންއަށް ހުޅުވާލުމަށް. އެގޮތުން މިދިޔަ ރޯދަ މަހުގެ ފަހު ދިހައިގަ މި ޑޮނޭޝަނަށް ހުޅުވާލީ. ގާތްގަޑަކަށް 10 ވަރަކަށް ދުވަސް ތެރޭގައި ފައިސާ ލިބިއްޖެ." އޭނާ ވިދާޅުވިއެވެ.
ފޮޓޯ: ޔޫތު މޫވްމަންޓް
މިސްކިތުގައި ނެވިލޯން އެޅުމުގެ މަސައްކަތް ކުރަނީ ރަށުގައި ތިބި އެފަދަ މަސައްކަތް ކުރާ ފަރާތްތަކުގެ ލަފާގެ މަތީން އެ ޖަމިއްޔާ އިން ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި އެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ވެސް ޝަޒީމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ މިފަންޑަށް ފައިސާ ހަދިޔާ ކުރީ ހަމައެކަނި އެރަށާއި އަތޮޅުގެ ރައްޔިތުން ނޫން ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުން ފައިސާ ހަދިޔާ ކުރި ކަމަށެވެ. އެހެންވެ، އެ ހުރިހައި ފަރާތްތަކަށް ވަރަށް ޚާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް ޝަޒީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!