އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ސިޓީ ޖެހިލައިފިއެވެ.

މިރޭ އެވަޓަންގެ ދަނޑުގައި ކުޅުނު މެޗު ސިޓީން ކާމިޔާބު ކޮށްފައި ވަނީ 3-0 ގެ ނަތީޖާއިންނެވެ.

Ad
rt

މި މެޗުން މޮޅުވުމާއިއެކު ސިޓީއަށް ވަނީ 35 މެޗުން 85 ޕޮއިންޓް ލިބިފައެވެ. ލީގުގެ ދެވަނާގައި އޮތީ އާސެނަލްއެވެ. އާސެނަލްއަށް 35 މެޗުން ލިބިފައި ވަނީ 81 ޕޮއިންޓެވެ. މި ދެ ޓީމަށް ވެސް ބާކީ ތިން މެޗު އޮތްއިރު، ދެ ޓީމްގެ ދެމެދުގައި ހަތަރު ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ. ސިޓީ އަތުން ބަލިވި އެވަޓަން މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 17 ވަނާގައެވެ. އެ ޓީމަށް 36 މެޗުން ލިބިފައި ވަނީ 32 ޕޮއިންޓެވެ. ރެލިގޭޝަން ޒޯނާއި އެއް ޕޮއިންޓް ކައިރީގައި އެވަޓަން އޮތްއިރު ކުރިއަށް އޮތް ދެ މެޗުން ރަނގަޅު ނަތީޖާއެއް ނުނެރެވިއްޖެނަމަ އެވަޓަން ރެލިގޭޓް ވުމުގެ ފުރުޞަތު އެބައޮތެވެ.

މިރޭ މެޗުގައި ސިޓީން ވަނީ ފުރަތަމަ ހާފުގައި އެވަޓަން ކޮޅަށް ދެ ލަނޑު ޖަހާފައެވެ. ސިޓީއަށް ފުރަތަމަ ލަނޑު 37 ވަނަ މިނެޓުގައި ޖަހައިދިނީ މި މެޗުގައި މޮޅު ކުޅުމެއް ދެއްކި ގުންޑަގަންއެވެ. މަހްރޭޒް އެވަޓަންގެ އޭރިއާތެރެއިން ގުންޑަގަން އަށް ކުޅުނު ބޯޅަ އޭނާ ވަނީ ފަލަމަސްގަނޑަށް ކޮންޓްރޯލް ކުރުމަށް ފަހު ގޯލުގެ ދުރުކަނަށް ފޮނުވާލާފައެވެ.

ސިޓީގެ ދެވަނަ ލަނޑު 39 ވަނަ މިނެޓުގައި ޖެހީ ހާލަންޑްއެވެ. މިއީ މި ސީޒަންގައި ހުރިހާ މުބާރާތެއް ހިމެނޭހެން ހާލަންޑް ސިޓީއަށް ޖަހައިދިން 52 ވަނަ ލަނޑެވެ. ހާލަންޑް މި ލަނޑު ޖަހާފައިވަނީ ގުންޑަގަން އެވަޓަން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

ސިޓީގެ ތިންވަނަ ލަނޑު ދެވަނަ ހާފު ފެށިތާ ހަ މިނެޓްތެރޭ ކާމިޔާބު ކޮށްދީފައި ވަނީ ވެސް ގުންޑަގަންއެވެ. އޭނާ މި ލަނޑު ޖަހާފައި ވަނީ އެވަޓަންގެ އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުންނެވެ.