ދުނިޔޭގެ އެންމެ ފެންވަރު ރަނގަޅު އެކްސްޕްރެސް މެއިލް ސާވިސް (އީއެމްއެސް) ގެ ޚިދުމަތް ދޭ ކުންފުނިތަކަށް ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން (ޔޫޕީޔޫ) އިން ދެމުން އަންނަ ގޯލްޑް އެވޯޑް މޯލްޑިވްސް ޕޯސްޓަށް ލިބިއްޖެއެވެ.

މި އެވޯޑް މޯލްޑިވްސް ޕޯސްޓަށް ހަވާލުކޮށްފައިވަނީ ސްވިޒަލެންޑުގެ ވެރިރަށް، ބާންގައި ބޭއްވި އީއެމްއެސް ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައެވެ. މޯލްޑިވްސް ޕޯސްޓުގެ ފަރާތުން މި އެވޯޑާއި ހަވާލުވެފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުޙައްމަދުއެވެ.

Ad
rt

މިއީ އީއެމްއެސް ޙިދުމަތްދޭ 174 ގައުމުގައި ޚިދުމަތްދޭ ފެންވަރަށް ބަލާ ރޭންކް ކުރެވިގެން ދޭ އެވޯޑެކެވެ.

2022 ވަނަ އަހަރު އީ.އެމް.އެސްގެ ޚިދުމަތްދޭ ފަރާތްތަކުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރުގެ މައްޗަށް ބިނާކޮށް މޯލްޑިވްސް ޕޯސްޓަށް "ގޯލްޑް އެވޯޑް" ލިބިފައިވާއިރު، 2019 އަދި 2021 ވަނަ އަހަރު އެކުންފުނިން ވަނީ "ބްރޯންޒް އެވޯޑް" ވެސް ހޯދާފައެވެ.

ރާއްޖޭގެ އިތުރުން ގޯލްޑް އެވޯޑް ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި އަޒަރުބައިޖާން، މިޔަންމާ، އޮމާން އަދި ޔުނައިޓަޑް އަރަބް އެމިރޭޓްސް ހިމެނެވެ. އަދި ގަތަރަށް ސިލްވަ އެވޯޑް ލިބިފައިވާއިރު ބްރޯންޒް އެވޯޑަށް އެއްވެސް ގައުމެއް ހޮވިފައެއްނުވެއެވެ.

މި ކޯޕަރޭޓިވް ޖެނެރަލް އެސެމްބްލީގައި އީއެމްއެސް ޙިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މެންބަރު ގައުމުތަކުން ދިނުމަށް ބޭނުންވާ ސްޓުރެޖިކް ނިންމުންތައް ހުށައަޅާފައިވެއެވެ. އަދި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ޕޯސްޓް މެދުވެރިކޮށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރުމަށް މިއަހަރުގެ ޖޫން މަހު ޖަޕާންގައި ވޯލްޑް ކަސްޓަމްސް އޯގަނައިޒޭޝަން-ޔުނިވާސަލް ޕޯސްޓަލް ޔޫނިއަން ގްލޯބަލް ކޮންފަރެންސް އަދި ސެޕްޓެމްބަރު މަހު އިންޑޮނޭޝިއާގައި ރީޖަނަލް އީއެމްއެސް ސިމްޕޯސިއަމްއެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ދުނިޔޭގެ ފެންވަރުގައި ބޭއްވޭ މިފަދަ ބައްދަލުވުންތަކުގައި މޯލްޑިވްސް ޕޯސްޓްއިން ބައިވެރިވެ ޕޯސްޓްގެ ޚިދުމަތްތައް ދިނުމުގައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުން ދާކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވިއެވެ. އަދި ޕޯސްޓުގެ އަމާޒަކީ ފެންވަރު ރަނގަޅު ޙިމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށާއި މިއަހަރުވެސް އީއެމްއެސް ޕަފޯމަންސް އަދި ކަސްޓަމަ ކެއާ އެވޯޑް ހާސިލްކުރުމަށް އެކުންފުނިން މަސައްކަތް ކުރަމުން އަންނަކަމަށް އޭނާ ވިދާޅުވިއެވެ.

މޯލްޑިވްސް ޕޯސްޓުން ދެމުންއަންނަ އީއެމްއެސް ޚިދުމަތަކީ ރާއްޖެއިން ބޭރަށް ފޮނުވާ ތެކެތި ފޮނުވުމަށް އެންމެ އިތުބާރު ކުރެވޭ އަދި އެންމެ އަވަސް ޚިދުމަތެވެ. މި ޚިދުމަތަކީ ޚަރަދު ކުޑަ ޚިދުމަތަކަށް ވާއިރު އެންމެ ގިނައިން ޕޯސްޓް ކުރެވޭ މަންޒިލުތަކުގެ ތެރޭގައި ސިންގަޕޫރާއި، ޔޫއޭއީ، މެލޭޝިއާ، އޮސްޓްރޭލިއާ އަދި ސްރީލަންކާ ހިމެނެއެވެ.