ކޯވިޑް-19 ގެ ކުއްލި ހާލަތު ނިމުމަކަށް ގެނެސްފި

Dr. Tedros WHO

2019 ވަނަ އަހަރުގެ ފަހުކޮޅު މުޅި ދުނިޔެއަށް ކުރިމަތިވި އާލަމީ ވަބާ، ކޯވިޑް-19 އަކީ މިހާރު، ދުނިޔޭގެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫން ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅައިފިއެވެ.

އެ ޖަމިއްޔާއިން ޑިރެކްޓާ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިޔޭސޫސް ވިދާޅުވީީ މިގޮތަށް ނިންމީ އިމަޖެންސީ ކޮމިޓީން 15 ވަނަ ފަހަރަށް ބައްދަލުކޮށް، ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނައުމަށް އޭނާއަށް ލަފާ ދީފައިވާތީ ކަމަށެވެ.

އެހެންނަމަވެސް 2020 ވަނަ އަހަރުގެ މާރިޗް މަހު އިއުލާނު ކުރި ބަލިމަޑުކަމަށް ނިމުމެއް ނާންނަ ކަމަށާއި ދެކުނު އިރުމަތީ އޭޝިއާ އާއި މެދުއިރުމަތީގެ ގައުމުތަކުގައި ކޮވިޑުގެ ކޭސްތައް ދާދި ފަހުން އިތުރުވެފައިވާކަން އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ކޮވިޑު ބަލީގައި ކޮންމެ ހަފުތާއަކު އެތައް ހާސް ބަޔަކު މަރުވަމުންދާކަން ވެސް ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މި ބަލިމަޑުކަން ދަށަށް ދާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށާއި ކޮވިޑް-19 އުފެދުމުގެ ކުރިން ދިރިއުޅުން އޮތް ގޮތަށް ގިނަ ގައުމުތަކުން މިހާރު ވެސް އެނބުރި ރުޖޫއަވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގައި 20 މިލިއަނަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށާއި އެއީ ރަސްމީކޮށް ރިޕޯޓްކުރި 7 މިލިއަނަށް ވުރެ މާ މަތީ އަދަދެއް ކަމަށެވެ.

ކޮރޯނާވައިރަސް ނުވަތަ ކޮވިޑް-19 އަކީ ބައިނަލްއަގްވާމީ ގޮތުން ކަންބޮޑުވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ޑަބްލިއުއެޗްއޯ އިން އެންމެފުރަތަމަ ކަނޑއެޅީ ޖެނުއަރީ 30، 2020 ގައެވެ. އޭރު ކޮވިޑް-19 ގެ ނަން ވެސް ދީފައި ނުވާއިރު، މި ބަލި އެންމެފުރަތަމަ ފެނުނު ގައުމުކަމަށްވާ ޗައިނާއިން ބޭރަށް މާ ބޮޑު ބަލިމަޑުކަމެއް ފެތުރިފައި ވެސް ނުވެއެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *