މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް)ގެ މައިގަނޑު ފަސް ހުށަހެޅުމަކާއެކު، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއިއެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރުމާގުޅޭ ފުރަތަމަ މަޝްވަރާ ބައްދަލުވުން ބާއްވައިފިއެވެ.

އެމްއާރުއެމުން ބުނިގޮތުގައި އެ ޕާޓީއާއި އެމްޑީޕީގެ ކޯލިޝަންގެ ފުރަތަމަ ބައްދަލުވުން ރޭ އެ ޕާޓީގެ އޮފީހުގައި ވަނީ ބާއްވާފައެވެ. އަދި މި ބައްދަލުވުމުގައި އެމްއާރްއެމްގެ ފަރާތުން މައިގަނޑު ފަސްކަމެއް ހުށަހެޅިކަމަށް ވެސް ބުންޏެވެ.

Ad
rt

މީގެތެރެއިން ފުރަތަމަކަމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އަދި އިސްތިޤުލާލަށް ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެކަން ކަށަވަރު ކުރުމަށްޓަކައި މަޢުލޫމާތަށް އެދުމެވެ. ދެވަނަ ކަމަކީ، ދިވެހި ރައްޔިތުންގެ މަސްލަޙަތާއި އެމްއާރްއެމްގެ އުޞޫލުތައް ނެގެހެއްޓޭ ގޮތަށް ސަރުކާރު ހިންގޭނެކަން ކަށަވަރު ކުރުމެވެ.

ތިންވަނަކަ ކަމަށް ކޯލިޝަން އެއްބަސްވުމަށް އިޙްތިރާމުކޮށް އެއްބަސްވުމާއި އެއްގޮތަށް ދެފަރާތުން ވެސް ޢަމަލު ކުރާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ހޯދައި ދެވޭނެ ގޮތެއް ހޯދުން ހުށަހަޅާފައިވާއިރު، ސަރުކާރުގެ ސިޔާސަތުތަކާއި ޤައުމަށް ދިމާވެފައިހުރި ބޮޑެތި ގޮންޖެހުންތައް ރިފޯމް ކުރާނެ ގޮތްތައް ދެނެގަތުން ވަނީ ހަތަރުވަނަ ކަމެއްގެ ގޮތުގައި ހުށަހަޅާފައެވެ.

އެމްއާރުއެމްގެ ފަސް ވަނަ ހުށަހެޅުމަކީ، ދިވެހިރާއްޖޭގެ ވެރިކަން ކުރާ ނިޒާމަކީ ރިޔާސީ ނިޒާމުގެ ގޮތުގައި ދަމަހައްޓާނެ ކަމުގެ ޔަޤީންކަން ހޯދުމެވެ. އަދި މިނުކުތާތަކާއި، އިތުރު ސިޔާސަތުތަކާއެކު ތަފްސީލީ މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންދިޔުމަށް ވެސް ނިންމާފައި ވެއެވެ.

އެމްއާރުއެމް އަކީ މިހާރުގެ ވެސް ސަރުކާރުގެ ބައިވެރިއެކެވެ. މި ހާރުގެ ސަރުކާރު ހިންގާ އިއްތިހާދުގައި އެމްޑީޕީއާއެކު ކުރިއަށްދާން އެ އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީ (އޭޕީ) އިން ނިންމާއެކުގައި މަސައްކަތް ފަށާފައިވާއިރު، އެމްއާރު އަކީ އިއްތިހާދުގައި ހިމެނޭ ޕާޓީތަކުން ކުރެ މިހާތަނަށް ގޮތެއް ނުނިންމާ އޮތް ޕާޓީއެވެ. ދެން އެ އިއްތިހާދުގައި ހިމެނޭ ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަނީ އަންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރަން ނިންމާފައެވެ.