ހދ.ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި ދިއްދޫ ޔޫތު ސެންޓަރ ގުޅިގެން ކުރިއަށް ގެންދާ "ދިއްދޫ އިންޓަ އޮފީސް ފުޓްސަލް މުބާރާތް 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ދިއްދޫގައި ހުރި ސަރުކާރު އޮފީސް އަދި ކުންފުނިތަކުގެ މުވައްޒަފުންގެ މެދުގައި ކުޅިވަރުގެ ރޫހު އާލާކޮށް އެކުވެރިކަން ދެމެހެއްޓުމެވެ.

Ad
rt

މި މުބާރާތުގައި ކޮންމެ އޮފީހަކުން ވެސް ބައިވެރި ކުރެވޭނީ އެއް ޓީމެވެ. ނަމަވެސް ގިނަ އޮފީސްތަކެއް އެކުވެގެން ޓީމް އެކުލަވާލުމުގެ ފުރުޞަތު ދިނުމަށް ނިންމާފައިވާއިރު، އެ ޓީމަށް ބައިވެރި ވެވޭނީ އެތަނުން ކޮންމެވެސް އެއް އޮފީހެއްގެ ނަމުގައެވެ. މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 1500 (ފަނަރަސަތޭކަ) ރުފިޔާގެ ފީއެއް ނަގާނެއެވެ.

މި އަހަރުގެ މުބާރާތް ކުޅުމަށް ނިންމާފައިވަނީ ދިއްދޫ ޓާފް ފުޓްބޯޅަ ދަނޑުގައި ފުޓްސަލް ދަނޑެއް ކުރަހައިގެންނެވެ. މި މބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 ވަނަ ދުވަހުއެވެ.

މި އަހަރުގެ މުބާރާތް ފެށުމަށް ނިންމާފައި ވަނީ އެންމެ ފަހުގެ ޗެމްޕިއަން ޓީމާއި ރަނަރަޕް ޓީމްގެ މެދުގައި ކުޅޭ ޗެރިޓީ މެޗަކުންނެވެ. މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފެނެކަ އެވެ. ރަނަރަޕް ޓީމަކީ ޔުނައިޓެޑް ބީއެމްއެލް އެވެ.

މި އަހަރުގެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ އޮފީސްތަކުން، އެކަމަށް ފުރިހަމަ ކުރަންޖެހޭ ފޯމް ފުރިހަމަ ކުރުމަށް ފަހު މި މަހުގެ 7 ވަނަ ދުވަހުގެ 21:00 ގެ ކުރިން މިޑްލް ސްޕޯޓްސް ކުލަބަށް އީމެއިލް ކުރެއްވުމަށް އެ ކުލަބުން އެދިލައްވައެވެ. މުބާރާތާއިގުޅޭ އެންމެހާ ފޯމްތަކާއި ޤަވައިދު އެ ކުލަބުގެ ފޭސްބުކް ޕޭޖުން ލިބިލައްވާނެއެވެ.