މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒާއި، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި، ރާއްޖެޓީވީ ގުޅިގެން ކުރިޔަށް ގެންދިޔަ ރަންތާޖު ޤުރުއާން މުބާރާތުގެ ފަޚުރުވެރި 1 ވަނަ މުހައްމަދު ސާއީ މުބާރިކް ހާސިލްކޮށްފިއެވެ.

މި މުބާރާތުގެ 1 ވަނަ ހޯދައި، ރަންތާޖު ހާސިލްކުރި ސާއީ އަކީ ނ. ހޮޅުދޫއަށް ނިސްބަތްވާ ފަރާތެކެވެ.

Ad
rt

ރާއްޖޭގައި މިހާތަނަށް ބޭއްވުނު މިފަދަ އެންމެ ބޮޑު ޤުރުއާން މުބާރާތް ނިންމުމުގެ ހަފުލާ ރޭ ބާއްވާފައިވާއިރު، މުބާރާތުން އެއްވަނަ ހޯދި ސާއީ އަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙެވެ.

ސާއީ އަށް އިނާމުގެ ގޮތުގައި ރައީސް ދެއްވާ ހަނދާނީ ފިލާގެ އިތުރުން ތިންލައްކަ ރުފިޔާގެ ފައިސާގެ އިނާމު ލިބިފައިވާއިރު، މީގެ އިތުރުން ރައީސްގެ ދެކަނބަލުންގެ ފަރާތުން ދެއްވާ ޚާއްސަ އިނާމު ވެސް ވަނީ ލިބިފައެވެ. އަދި މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހްގެ ދެއްވާ ހައްޖު ދަތުރާއި، ފަރީ އަސްކޮއެ ހައްޖު އެންޑް އުމްރާ ޓުއާސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދެއްވާ އުމްރާ ދަތުރު ވެސް ލިބިފަވެއެވެ. މީގެއިތުރުން ވިލާ ކޮލެޖްގެ ފަރާތުން ފުލް-ފަންޑަޑް ޑިގްރީ ސްކޮލަރޝިޕާއި، އެސްޓީއޯގެ ފަރާތުން ދިން 43 އިންޗީގެ ޓީވީ އަކާއި، ރެޑްވޭވްގެ ފަރާތުން ދިން 55 އިންޗީގެ ނިކާއީ ޓީވީ އަކާއި، މެކްސްކޮމްގެ ފަރާތުން ލެޕްޓޮޕަކާއ އަދި ވެސް އިތުރު އިނާމްތައް ލިބިފަވެއެވެ.

މި މުބާރާތުގެ 2 ވަނަ ހޯދާފައި ވަނީ، މާލެ ސިޓީގެ ފާތިމަތު ތުގާ ހަލީމް އެވެ. މާލެ ސިޓީގެ ޔައީޝް މުހައްމަދު ނިޔާޒު މި މުބާރާތުގެ 3 ވަނަ ހޯދިއިރު، 4 ވަނަ ލިބުނީ ހއ. ހޯރަފުށި, އަހުމަދު ސުޖާއު އަށެވެ. އަދި 5 ވަނަ ހާސިލްކޮށްފައިވަނީ ބ. އޭދެފުށި, މުހައްމަދު މުސްތަފާ އެވެ.

މުބާރާތުން 2 ވަނަ ޙާޞިލް ކުރި ފާތިމަތު ތުޤާ ޙަލީމަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދެވެ. މުބާރާތުގެ 3 ވަނަ ޙާޞިލްކުރި، ޔައީޝް މުޙައްމަދު ނިޔާޒަށް އިނާމް ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ. 4 ވަނަ ހާސިލްކުރި ސުޖާއުއަށް އިނާމުތައް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އެވެ. އަދި މުބާރާތުން 5 ވަނަ ހޯދި މުސްތަފާއަށް އިނާމުތައް ހަވާލުކޮށްދެއްވީ ރައްޔިތުން މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު، ރާއްޖެޓީވީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސަލީމެވެ.

މިމުބާރާތަކީ މިހާތަނަށް ރާއްޖޭގައި ބޭއްވުނު އެންމެ ބޮޑު މިފަދަ ޤުރްއާން މުބާރާތެވެ. މިމުބާރާތުގެ އޮޑިޝަނުގައި ރާއްޖޭގެ 6 ސަރަހައްދަކުން 111 މީހުން ބައިވެރިވިއިރު، މުބާރާތުގައި ވާދަކޮށްފައި ވަނީ 20 ބައިވެރިންނެވެ.