ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫގައި ސްކޭޓް ޕާކެއް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ކުރަމުން އަންނައިރު، މި ފަދަ ކުޅިވަރުތަކަށް ޔޫތު މިނިސްޓްރީގެ އެއްބާރުލުން ކުޑަކަން ފާހަގަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ހަނިމާދޫ ސްކޫލްގެ ކުރިމައްޗަށް އޮންނަ ނިކަގަސް މަގުގެ ދެކުނު ފަރާތުގައި ހަނިމާދޫ ކައުންސިލުން ޚަރަދު ކޮށްގެން ސްކޭޓް ޕާކެއް ތަރައްޤީ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނިއިރު، އެތަނުގެ 70 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިންމާލާފައެވެ.
ހަނިމާދޫ ސްކޭޓް ޕާކް މަސައްކަތް ބާރަށް ކުރިއަށް ދާކަން ހާމަކޮށް ހަނިމާދޫ ކައުންސިލުގެ ނައިބް ރައީސް ފިރާގު މުޙައްމަދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ ހަމަހަމަ ވާނީ ހުރިހާ ކުޅިވަރެއްވެސް ކުޅެވޭނެ މަގު ފަހިކޮށްގެން ކަމަށާއި، މިފަދަ ބޮޑެތި ކަންކަން ކުރާއިރު ޔޫތު މިނިސްޓްރީން އެހީތެރިކަން ދެއްވާނަމަ ދެ ފަރާތުގެ މަޤުޞަދު ފުރިހަމައަށް ހާސިލް ވުމަށް މަގުފަހިވެގެން ދާނެ ކަމަށެވެ.
ހަނިމާދޫ ކައުންސިލުން ހަނިމާދޫގައި ތަރައްގީކުރާ ސްކޭޓްޕާކް
ހަމަހަމަ ވަނީ ހުރިހާ ކުޅިވަރެއްވެސް ކުޅެވޭނެ މަގު ފަހިކޮށްގެން، މިފަދަ ބޮޑެތި ކަންކަން ކުރާއިރު @MoYSCEmv ކޮންމެވެސް އެހީއެއް ދެއްވާަނަމަ ދެފަރާތުގެ މަގުސަދު ހާސިލްވެ ގިނަ ކުޅިވަރުތަކަށް ފުރުސަތު ދެވޭނެ.@AhmedMahloof pic.twitter.com/NwISBDbyGG
— Firaaq Mohamed (@FiraaqMohamed_) April 24, 2023
ހަނިމާދޫ މަގުތައް ޒަމާނީ ފެންވަރަށް ތާރު އަޅައިގެން ތަރައްޤީ ކުރުމާއިއެކު ސްކޭޓްކުރާ ކުދިން އިތުރުވުމުން، އެމްޓީސީސީގެ އެހީތެރިކަމާއިއެކު ހަނިމާދޫ ކައުންސިލުން ވަނީ މިހާރު ސްކޭޓް ޕާކް އަޅަމުން އަންނަ ސަރަހައްދުގައި ތާރު އަޅައިގެން މީގެ ކުރިން ވެސް ސްކޭޓް ކުރެވޭނޭ ވަގުތީ އިންތިޒާމެއް ހަމަޖައްސާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!